ހެޔޮ ބަދަލެއް ގެނެވޭނީ ދިގު މުއްދަތެއްގައި ވަރުބަލިކަމެއްނެތި ކުރެވޭ މަސައްކަތުން: އިމްރާން

ހެޔޮ ބަދަލެއް ގެނެވޭނީ ދިގު މުއްދަތެއްގައި ވަރުބަލިކަމެއްނެތި ކުރެވޭ މަސައްކަތުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2022 08:12
0

އިސްލާހީ ހެޔޮ ބަދަލެއް ގެނެވޭނީ ދިގުމުއްދަތެއްގައި ވަރުބަލިކަމެއްނެތި ކުރެވޭ މަސައްކަތުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ކޮންމެ ކަމަކާއި ގުޅިގެންކަމެއް ނޭގެއެެވެ. ނަމަވެސް އިއްޔެ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ހުށަހެޅުއްވި މައްސަލާގައި ސަރުކާރަށް ނިސްބަތްވާ އެމްޑިޕީގެ ބައެއް މެމްބަރުން ވަނީ މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާނަކީ ރާއްޖޭގެ ހަމަޖެހުމާއި، ހިންގަމުންދިޔަ ކުށްތައް ހުއްޓުވުމަށް މިނިސްޓަރު ކަމާއި ހަވާލު ވުމުގެ ކުރިން އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅާއެވެ. ނަމަވެސް ވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިކަމަށް މާބޮޑު މަސައްކަތެއް  ކުރެވޭތަނެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިމްރާން ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހެޔޮ ބަދަލެއް ގެނެވޭނީ ކެތްތެރި ކަމާއިއެކު ގިނަ ދުވަހުން ކުރެވޭ މަސައްކަތުން ކަމަށެވެ. އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތަކުން ކާމިޔާބު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތަކުން ވާނެ ކަމެއް ނޯންނާނެ. ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް، ދިގުމުއްދަތަކަށް، ފޫހިކަމެއް ވަރުބަލިކަމެއްނެތި ކުރެވޭ ގިނަ، ބުރަ މަސައްކަތުންނެވެ.

– އިމްރާން ވިދާޅުވިއެވެ.

ވަޙީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަލިބޭގޮތަށް ހިންގޭ ޢަމަލުތައް ހުއްޓުވުމަކީ ދައުލަތުން ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުން މަރަން ފަސް ނުޖެހޭ 1،400 މީހުން ރާއްޖޭގައި ތިބިކަމަށް ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާމަށް ވަހީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.

ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހެނީ މިފަދަ އަމަލުތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާތީކަމަށްވެސް ވަހީދުގެ މައްސަލާގައި ބުނެފައިވެއެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކުގައި ހުރެ އެފަދަ ފަރާތްތަކާއިމެދު އެކަށީގެން ފިޔަވަޅު އެޅުމަށްވެސް މައްސަލާގައި ވަނީ ގޮވާލާފައެވެ.

ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާތީ އާހިތްވަރަކާއިއެކު މިކަމާއި ކުރިމަތި ލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ ކަންކަން ހިންގުމުގެ ޒިންމާ އޮތް އިދާރާތަކުގެ ކޮމާޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއްވެސް އެކުލަވާލުމަށް މައްސަލާގައި ވަނީ ގޮވާލާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.