އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އެސް.އޯއެފް ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން ޖެހޭ ސަބަބެއް ނެތުމުން، ފްރީޒްކުރުމުގެ އަމުރެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.
އޭސީސީން ވިދާޅުވީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުރި އެކައުންޓް އަންފްރީޒް ކުރުމާ ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން އެނގުނީ އެކައުންޓް "އަލުން ފްރީޒްކުރަން ޖެހޭ ތަނެއް ނެތް" ކަމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީގެ އެކައުންޓްތަކުގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުރި އެކައުންޓްގައިވާ ފައިސާތައް ފްރީޒް ކުރަން މަސައްކަތް ކުރިއިރު އެކައުންޓުގައި ހުރި ފައިސާތައް ވަނީ ނަގާފައެވެ. އެހެންކަމުން އިތުރަށް އެކައުންޓު ފްރީޒް ކުރަންޖެހޭ ހާލަތެއް ނެތީއެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަކަމަށްވާ، އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި އެސްއޯއެފުން ވަނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރުގެ މުޢާމަލާތް އެކި ކުންފުނިތަކާއިއެކު ހިންގާފައެވެ. މި މުޢާމަލާތުގެ ތެރެއިން އެކުންފުނިން ވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ރާއްޖޭގެ އެކި ފަންތީގެ ކުންފުނިތަކަށް ޑޮލަރު ވިއްކާފައެވެ.
އެސްއޯއެފްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އެދިގެންނެވެ. އޭރު ސިވިލް ކޯޓުން ކުރި އަމުރުގައި އެކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަގެ ޕާސަނަލް އެކައުންޓު ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވެއެވެ.
މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށެވެ. ޚިޔާނާތުގެ މައްސަލައިގައި އިތުރު ދައުވާތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ