ސޫފީ އަޤީދާގެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު ހަމަނުވަނެ މީހެއްކަމުގައި ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖޭގެ ރައްޔިތުން ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މަޖިލިސް މެމްބަރުކަމާއި، މަޖިލިސްގެ ރައީސްކަމުގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ކަނޑައެޅިފައި ވާކަމަށެވެ. އިޔާޒު ވަނީ މަޖިލިސް މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި ހިމެނޭ ޝަރުތުތައްވެސް އޭނާގެ ޓްވީޓުގައި ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެ:
1. ދިވެހިރައްޔިތަކަށްވުން.
2. ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
4. ޢުމުރުން އަށާރަ އަހަރު ފުރިފައިވުން.
5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން އެމަނިކުފާނަށް އިޝަރާތް ކުރައްވައެވެ. ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ސޫފީ މަޒުހަބަށް ތާއީދުކޮށް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ދީނީ އިލްމު ވެރިންގެ ފާޑުކިޔުންވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.
ދިވެހިން އިސްލާމްދީނަށް ބޯލަނބަން ފަށާފައިވަނީ ސޫފި ދަންނަ ބޭކަލުންގެ މަސައްްކަތުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ.
ސޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ސޫފީ ވަލީވެރިން، ތަރުޖަމާކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. ނަމަވެސް އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއް ނުގަނެވޭނެއެވެ.
ކޮމެންޓު ފޮނުވާ