އަލީ ޞާލިހަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

އަލީ ޞާލިހަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2022 12:44
0

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އަލީ ޞާލިހަށް ހަމަލާ ދީފައިވަނީ އިއްޔެ މެންދުގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާ ދީފައިވަނީ މީގެ ކުރިން ސަލްމާން މިސްކަތުގެ މިމްބަރަށް އަރައި އަޑުގަދަ ކުރި މީހާއެވެ. އޭނާ އިއްޔެ އަލީ ޞާލިހަށް ހަމަލާ ދިނުމުގެ ކުރިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީހުންނަށް ބިރުދައްކާފައިވެއެވެ.

އަލީ ޞާލހަށް ހަމަލާ ދިން މައްސަލާގައި އިއްޔެ އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަލީ ޞާލިހް ވިދާޅުވީ މިހަމަލާދީފައިވަނީ ހުޅުމާލެ މަގުމަތިން ސައިކަލްގައި ދަނިކޮށް ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވުމަށްފަހުގައި ކަމަށެވެ. ހަމަލާދިން މީހާވަނީ އަލީ ޞާލިހަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހެއް ކަމަށާއި ދީނީ މީހުން ހައްޔަރުކޮށްގެން ތިހެން ނުތިބެވޭނެ ކަމަށް ބުނެ ޖީބުން ކަޓަރެއް ނެގުމަށްފަހު އަލީ ޞާލިހް ހަމަލާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަލާދިނުމަށް އޭނާ މަސައްކަތް ކުރުމުން ސައިކަލް ދޫކޮށްލުމަށްފަހު މަގުމަތިން ދިޔަ ޕިކަޕެއްގެ އެހީގައި އަލީ ޞާލިހް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހަމަލާގައި އަލީ ޞާލިހްގެ އަތުން 4 އިންޗިހާ ފުންމިނުގައި ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށާއި މިޒަޚަމަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.