ޕީޕީއެމް/ޕީއެންސީން ހަވާލުކުރި ރިޔާސީ ޓިކެޓާއި ހަވާލުވާން އާއިލާއިން އަދިވެސް މުޅިން ގަބޫލު ނޫންކަމަށާއި، އެހެންނަމަވެސް، މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހަވާލު ކުރި ރިޔާސީ ޓިކެޓް ގަބޫލުކުރަން މަޖުބޫރުކަމަށް ޕީޕީއެމްގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އިދިކޮޅު ޕީޕީއެމްއިން މިރޭ ކުރިޔަށް ގެންދިޔަ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ، މިއަދު ރާއްޖެއަކީ މިނިވަން ދައުލަތެއް ނޫންކަމުގައެވެ. އިންޑިއާ އައުޓު ޖަހައިގެން މުޒާހިރާ ކުރަން ޖެހުނީ އެ ސަބަބައްޓަކާ ކަމަށް ވިދާޅުވަމުން ޔާމިން ވިދާޅުވީ މިއަދު ދިވެހިން މިތިބީ އަޅުވެތިވެފައި ކަމަށެވެ.
އަދި ގައުމުގެ ހާލަތު މިހާލަތަށް އައިއިރު، ގައުމުގެ ލީޑަރުން މަންމަންވެފަ ތިބި ސަބަބު ބަލަން އެބެޖެހޭ ކަމަށާއި، މިކަންކަމުގެ ހަގީގަތް ހޯދާން ޖެހޭކަމުގައެވެ.
އުއްމީދެއް އޮތް ތަނެއްގަައި ދިރުމެއް ވާނެކަމަށާއި، އެކަން ގަބޫލު ކުރައްވާތީ، ޕީޕީއެމް/ޕީއެންސީން ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތް ކުރައްވާނޭކަމަށް ޔާމިން ވިދާޅުވިއެވެ.
ޕީޕީއެމްއަށް ތާއީދުކުރާ ގިނަބަޔަކު ހާޒިރުވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާ ކުރުމަށްޓަކާ، 2018ގަ އިންތިޚާބު ކާމިޔާބު ކުރިގޮތަށް އެހެން ފަރާތްތަކުން ރިޔާސީ އިންތިޚާބަށް އަތްބާނަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށް ސަލާމަތީ ބާރުތަކުންވެސް އޭރުވެސް އެއްބާރުލުން ދީފައިވާ ކަމަށާއި، މުވައްސަސާތަކުގެ އިސް މަގާމްތަކުގައި ތިބީވެސް މަގާމްތަކަށް ކުފޫ ހަމަނުވާ މީހުން ކަމުގައެވެ.
ޔާމިންގެ ވާހަކާގައި، ހާލަތު ބަދަލު ކުރުމަށް މަސަައްކަތްކުރުން މިއަދު ލާޒިމް ވެއްޖެކަމަށް ވިދާޅުވިއެވެ. އެއީ އިލާހީ ގާނޫނުގައި އޮތްގޮތް ކަމަށާއި، އެމަސައްކަތް ކުރާންޖެހެނީ ސިޔާދަތާއި މިނިވަންކަމުގެ ހިމާޔަތުގައި ކަމަށެވެ. އަދި ސިޔާދަތު ގެއްލޭގޮތަށް އެކުލެވިފައިވާ އެއްބަސްވުންތައް އުވާލަންޖެހޭ ކަމަށް ވިދާޅުވަމުން ޔާމިން ވިދާޅުވީ، ވަކި ގައުމަކަށް އެކަނި ބަރޯސާވުން ނިމުމަކަށް އަންނަން ޖެހޭކަމަށެވެ.
One Response
މިލިޔަން ޑޮލަރުގެ ހުވަފެން ފެންނާތީ…