ހުރިހާ ބާރެއް މަޖިލީހަށް ޖަމާކޮށްގެން ވެރިކަން ކުރާ ނިޒާމަކީ ރައްޔިތުންނަށް ފައިދާހުރި ނިޒާމެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ކުރެވެން އޮތް ކަމަކަށް ވިޔަސް ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި އެ ބަދަލުގެންނެވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ފާޅު ކުރައްވާފައެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނީ ނިޒާމަށް ބަދަލު ކުރުމަށް ފެށުނީއްސުރެއް މަސައްކަތް ކުރަމުންދާ ފަރާތެކެވެ. ނަމަވެސް މިހާތަނަށް އަދި އެކަން ކާމިޔާބު ވެފައިނުވެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ ސަމީރު ވިދާޅުވީ ރައްޔިތަކަށް ހިލަމެއްވެސް ނުވެ އިރުއިރުކޮޅާ ބޮޑުވަޒީރު ބަދަލުކޮށް، ސަކަރާތްޖަހަން ފުރުސަތު ދިނުމަކީ ޤައުމަށްވެސް އަދި ރައްޔިތަކަށް ވެސް ފައިދާހުރި ގޮތެއް ނޫންކަމަށެވެ.
ތިންބާރު ވަކި ވެފައިވާ ނިޒާމަކުން ހުރިހާ ބާރެއް މަޖިލީހަށް ޖަމާކޮށް، ރައްޔިތަކަށް ހިލަމެއްވެސް ނުވެ އިރުއިރުކޮޅާ ބޮޑުވަޒީރު ބަދަލުކޮށް، ސަކަރާތްޖަހަން ފުރުސަތު ދިނުމަކީ ޤައުމަށްވެސް އަދި ރައްޔިތަކަށް ވެސް ފައިދާހުރި ގޮތެއްނޫން.
– ސަމީރު ވިދާޅުވިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވެވި މީޑިއާ ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓް މި އަހަރު ނަގަން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ. ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު މިހާރުން މިހާރަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު މި އުއްމީދުކުރާ އަދި އަދި އަޅުގަނޑު ހުށަހަޅާ ގޮތްތަކުގެ ތެރޭގައި މިހާރު ގާނޫނުއަސާސީއަށް ބަދަލު ގެނެވި، މިއަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓް ނެގި ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު (ހިންގަން) ގާނޫނުއަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ އިންތިހާބަކަށް [ވުން.
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނާނީ ނިޒާމަކަށް ބަދަލުކޮށް ނިންމުމެވެ.
ކޮމެންޓު ފޮނުވާ