ފުރަތަމަ ފަހަރަށް ފޮރިންގ ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފި

ފުރަތަމަ ފަހަރަށް ފޮރިންގ ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފި

Author
ހުސެއިން
10 އޮގަސްޓް 2022 09:28
0

އަލަށް އަމަރު ކުރަން ފެށި ފޮރިންގ ސާވިސް އެކްޓުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ފޮރިންގ ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފިއެވެ.

ގާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނު)ގެ 60ވަނަ މާއްދާގެ ދަށުން އުފައްދާޖެހޭ "ފޮރިންގ ސާރވިސް އެޑްވައިޒަރީ ބޯޑު"ގެ މެމްބަރުންގެ ގޮތުގައި މިއަދުން ފެށިގެން 1 އަހަރު ދުވަހަށް އައްޔަން ކޮށްފައިވާ މެމްބަރުންނަކީ:

  1. އަހުމަދު ލަތީފް، ފޮރިންގ ސެކެޓްރީ
  2. އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މާއުނގޫދޫ (ފޮރިންގ މިނިސްޓްރީއަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ، ޚިދުމަތުގައި ނޫޅޭ މީހެއްގެ ހައިސިއްޔަތުން
  3. އާމިނަތު ޝިފާނާ، ފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ (ފޮރިންގ ސާވިސްގެ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ ތެރެއިން)
  4. ޚަދީޖާ ނަޖީހާ، ޖޮއިންޓް ސެކެޓްރީ (ފޮރިންގ ސާވިސް އިންސްޓީޓިއުޓްގެ އިސްވެރިޔާ)
  5. އާމިނަތު ސަމްރާ. ޑެސްކު އޮފިސަރ (ފޮރިން ސާވިސް ޖެނެރަލް ސްޓާފުންގެ ގިންތީގެ ތެރެއިން)

ފޮރިންގ ސާރވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލެއްވުމަށްފަހު ފޮރިންގ މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ބޯޑު އެކުލަވާލައްވާފައިވަނި ހުރިހާ ދައިރާއެއް ތަމްސީލުވާ ގޮތަށް، އަދި ޖިންސުގެ ހަމަހަމަ ކަމަށްވެސް އިސްކަން ދެއްވައިގެން ކަމުގައެވެ.

ދިވެހި ތާރީޚުގައި މުޅިން އަލަށް ފޮރިން ސަރވިސް ވަކި ގާނޫނަކުން ރެގިއުލޭޓް ކުރަން ފަށާފައިވަނީ ފާއިތުވި މެއިމަހުގެ 14ވަނަ ދުވަހުއެވެ. އެއީ 2021ވަނަ އަހަރުގެ އޮކުޓޯބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެއަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރެއްވި، ދިވެހިރާއްޖޭގެ ފޮރިންގ ސާރވިސްގެ ގާނޫނެވެ.

އަދި މިގާނޫނަށް އަމަލި ކުރެވެން ފެށުމާއެކު، "ދިވެހިރާއްޖޭގެ ފޮރިންގ ސާރވިސް"ގެ ނަމުގައި ދިވެހި ސިވިލް ސާރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ވަނީ ގާއިމް ކުރެވިގެން ގޮސްފައެވެ. މިގޮތުން ފޮރިންގ ސާރވިސް އެކުލެވިގެންވަނީ، ފޮރިންގ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މިޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިންގ ސާރވިސްގެ މައްޗަށްކަމަށް މިގާނޫގައި ބަޔާން ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން، ފޮރިންގ ސާވިސްގެ ގާނޫނު ވުޖޫދުވެ، އެ ގާނޫނަށް އަމަލްކުރަން ފެށުމާއިއެކު، މި ޚިދުމަތުގެ ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ފާހަގަވެގެން ދަނީ، ކުރިން ސިވިލް ސާވިސްގެ ޕާރމަނަންޓް ސެކެޓްރީ އަދާ ކުރައްވަމުން ގެންދެވި، މި ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ އިސްފަރާތެއްގެ ދައުރު، ޕާރމަނެންޓް ސެކެޓްރީގެ ބަދަލުގައި، މިގާނޫނުގެ ދަށުން އައްޔަންކުރެވޭ ފޮރިންގ ސެކެޓްރީއަށް ބަދަލުވެގެން ދިޔަދިއުމެވެ.

މިގޮތުން، މިގާނޫނުގައި ވާގޮތުން، ފޮރިންގ ސެކެޓްރިއަކީ އެވަގުތަކު ހުންނަވާ ވަޒީރެއްގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށްވި ނަމަވެސް، ފޮރިންގެ ސެކެޓްރީ ހުންނަވާނީ ފޮރިން ސާރވިސްގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައެވެ. އަދި މި ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވަޒީފާ އަދާކުރާނީ ފޮރިންގ ސެކެޓްރީގެ އިރުޝާދުގެ ދަށުންކަމުގައިވެސް މިގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން، އަލަށް އަމަލު ކުރެވެން ފެށުނު މިގާނޫނުގައި ވާގޮތުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން އެކިއެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކާ މިނިސްޓަރަށް ބޭނުންވާ ލަފާ ދިނުމާއި، އަދި މުވައްޒަފުންނާއި ގުޅޭ އެހެނިހެން ކަންކަމުގައިވެސް އޭރަކު ހުންނަވާ ވަޒީރަކަށް ލަފާ ދިނުމަށްޓަކާ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ "ފޮރިންގ ސާރވިސް އެޑްވައިޒަރީ ބޯޑު" އެކުލަވާލަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.