ހުޅުމާލެއިން ގޯތި ދީ ނިމުމުން ދިވެހިންނަށް ހައްގު މިންވަރު ސާފުވާނެ: ޢަލީ ޙުސައިން

ހުޅުމާލެއިން ގޯތި ދީ ނިމުމުން ދިވެހިންނަށް ހައްގު މިންވަރު ސާފުވާނެ: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 12:39
0

މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލެ ސަރަހައްދުން ގޯތި ދޫކޮށް ނިމޭއިރު ދިވެހިންނަށް ޙައްޤު މިންވަރަކީ ކޮބައިކަމާ އަދި އެ މިންވަރު ލިބުން އެންމެ ޙައްޤުވަނީ ކޮންބަޔަކަށްކަން ސާފުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް އެކަނި ޚާއްޞަކޮށްގެން މާލެއިން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ޢަލީ ޙުސައިން ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ މާލޭގެ މީހުންނާއި އެންމެހައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުން ޙައްޤުކަމަށެވެ. އެހެނަސް މިފަހަރު ހުޅުމާލެއިން ގޯތިދީ ނިމޭއިރު ދިވެހިންނަށް ޙައްޤު މިންވަރަކީ ކޮބައިކަމާ އަދި އެ މިންވަރު ލިބުން އެންމެ ޙައްޤުވަނީ ކޮންބަޔަކަށްކަން ސާފުވާނެކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ގޯތި ދޫކުރަން ނިންމުމާއި ގުޅިގެން ރާއްޖެތެރެއާއި މާލޭގެ ތަފާތުކުރުންތަކާއެކު އެތައް ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. އެއީ، ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗެވެ.  4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.