ކަޅު ދަބަހެއްގައި އަދީބު، ޔާމީނަށް 15 މިލިޔަން ރުފިޔާ ދިން: ނާޒިމް

ކަޅު ދަބަހެއްގައި އަދީބު، ޔާމީނަށް 15 މިލިޔަން ރުފިޔާ ދިން: ނާޒިމް

އެތެރެ ނުފެންނަ ކަޅު ދަބަހެއްގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޢަފޫރު ކުރީގެ ރައީސް ޔާމީނަށް 15 މިލިޔަން ރުފިޔާ ދިން އިރު އެތަނުގައި ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ޔާމީނާ ދެކޮޅަށް ނާޒިމް ކޯޓުގައި ހެކިބަސް ދީފައި މިވަނީ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފަައިވާ ދެ ދައުވާ އާއި ގުޅިގެން ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ހެކިބަސް ދެމުން އޭނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށެވެ.

ކެމްޕޭނު ދުވަސްވަރު ޔާމީންގެ އޭރުގެ ގެކޮޅު، ގ. ދޫވެހީގައި ނާޒިމު އިންނަވަނިކޮށް ކަޅު ދަބަހެއްގައި އަދީބު ނަގުދު ފައިސާ ހިފައިގެން އައި ކަމަށާއި އެ ދަބަހުގައި 15 މިލިއަން ރުފިޔާ ހުންނާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑު ހުރިތަނެއްގައި އަހުމަދު އަދީބު ކަޅު ދަބަހެއްގައި ގެނައި ފައިސާ ޔާމީނަށް ދިން. އެއީ ދޫވެހީގައި. އަދީބު ދެންނެވި އެއީ 15 މިލިއަން ރުފިޔާއޭ.

– ނާޒިމް ވިދާޅުވިއެވެ.

ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އެ ދަރަނިތައް އަދާކުރެއްވުމަށް އެންމެ ފުރަތަމަ އަދީބު ފައިސާ ނެންގެވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން އެމްޕީއެލްގެ ބޯޑު މެމްބަރުންނަށް "ބުލީ" ކުރައްވައިގެން ފަސް މިލިއަން ޑޮލަރަށްވާ ވަރަށް އަދީބު ފައިސާ ނަންގަވާފައިވާ ކަމަށާއި އެ ފައިސާ ޖަމާކުރައްވާފައިވަނީ ކެމްޕޭނަށް އަދީބަށް ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެފައިސާ އަދީބު ނެންގެވީ އެއަށް ވާވަރަށް އަނބުރާ ޑޮލަރު ދައްކާ ގޮތަށް ކަމަށެވެ.

ނާޒިމް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރޭވިގެން ރައީސް ޔާމީންގެ ކެމްޕެއިނަށް ނެގި ފައިސާ އަނބުރާ ދައްކަން ހިންގި ހިޔާނާތެއް ކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ، އޭނާ 1999 ގައި ސިޔާސީ ކަންކަމަށް ނުކުމެވަޑައިގެންނެވި ފަހުން 2015 އާ ހަމައަށް ޔާމީންގެ އަރިހުގައި "އެކި މިންވަރަށް" މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޔާމީން ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިހާރު ކުރިން އޮތް އެކުވެރިކަން ޔާމީނާއި ނެތްކަމަށެވެ. އޭގެ ސަބަބީ ޔާމީން އޭނާ ނުހައްގުން ޖަލަށް ލުންކަމަށެވެ. ނާޒިމް ވިދާޅުވީ "މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެ" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޔާމީނާކި މި ދިވެހި ފަސްގަޑު ނުދެކޭފަދަ ބޮޑު ވާވު އެއްކަން އެންމެންނަށަވެސް އެގެއެވެ. މިހާރު ފޫބުޑުން މިއެބުރަެ ގިނަ މީހުންނަކީވެސް މީނައަށް ވެރިކަން ލިބިއްޖެނަމަ، ތިމާމެންނަށްވެސް އެ ފަުރުސަތު ކުރީގައިހެން ފަހިވާނެކަން އެގޭތީ އުޅޭ މީހުންނެވެ. ﷲ އެފަދަ ފުރުސަތެއް ދެން މި ދިވެހިރާއްޖެއަށް ނުދެއްވާށިއެވެ. އާމީން

  2. ތިޔަ ޝަރީއަތަށް ދުވަހަކު ސާބިތު ނުވިޔަސް އަހަރުމެން ޢެންމެންނަށްވެސް ޔާމީނަކީ މިދިވެހިރާއްޖެ ނުދެކޭވަރުގެ ބޮޑު މުލު ޢެއްކަން އެގެއެވެ. އަދި މިއަދު އޭނަގެ ފަހަތުގައި މިތިބީވެސް އޭގެ ކުދިކުދި އެއްޗެހިތަކެއް ކަންވެސް އެގެއެވެ. އެހެނަސް ގިނަ ދިވެހިންނަކީ މުއުމިނުންނެވެ. އިރާދަ ކުރެއްވިއްޔާ އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *