މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ވެގެން ދިޔައީ ގިނަބަޔަކަށް ބޮޑު ސިހުމެއް ގެނުވި ރެއަކަށެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިގާފައވާ ގިނަ މަރުތަކުގެ ތެރެއިންވެސް އެންމެ އަނިޔާވެރި މަރުގެ ހާދިސާ ހިގާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ހ. ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި ހިނގި މިހާދިސާގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ ޏ. ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު 22، (ޝިއާ)އެވެ. އޭނާ މަރާލީ ފ. ނިލަންދު އަށް އުފަން ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ.
ހެންވޭރު ޝީރީން ވިލާގައި މަރާލި އަންހެން ކުއްޖާގެ މަރުގެ ޚަބަރު މީޑިއާތަކުން ތިލަވެގެން ދިޔައީ، ކަރު ބުރިކޮށްލައިގެން އެކުއްޖާ މަރާލިތާ އިރުތަކެއް ފަހުން، ފުލުހުން އެގެއަށްގޮސް، އެހިސާބުގަޑު ބަންދު ކުރުމާ ހަމަހައިންނެވެ. އެހެންނަމަވެސް އެއިރުވެސް، މިއީ ކިހިނެއް އަދި ކޮންގޮތަކަށް ހިގާފައިވާ ހާދިސާއެއްކަން ގިނަ ބަޔަކަށް ނޭގި އޮތްއިރު، މިހާދިސާގައި ޝާމިލްވީ ކޮން ބަޔަކު ކަމެއްވެސް ގިނަ ބަޔަކަށް އެގިފައެއް ނުވެއެވެ.
އެހެންނަމަވެސް، މިހާދިސާއާއި ގުޅުންހުރި މަޢުލޫމާތުތައް އާންމުވާން ފަށާފައިވަނިކޮށް، އެރޭގެ ދަންވަރުގެ ވަގުތުގައި ހ. ޝީރީންވިލާއިން، ކަޅު ކޮތަޅުތަކެއްގައި ފުލުހުން މަރުވި އަންހެން ކުއްޖާގެ ހަށިގަޑުގެ ބައިތަށް ނެރެ، އެމްބިއުލާންސަށް އެރުވުމާއި ހަމައިން، މިހާދިސާގެ އަނިޔާވެރިކަމާއި، އަދި ހާދިސާގެ ނުރައްކާތެރިކަން ވަރަށްވެސް ބޮޑަށް ވަޒަން ކުރެވިގެން ދިޔައެވެ.
މި ހާދިސާގެ ޚަބަރުތައް ކޮންމެވެސް ވަރަކަށް ލިބިފައިވާ، އަދި އެހިސާބުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ޚަބަރު އޮންލައިންއަށް ކިޔައިދީފައިވާ ގޮތުގައި، އެ އިމާރާތުގެ 9 ވަނަ ފަންގިފިލާއިން އެރޭގެ 10:30 ހާއިރު ދެ ފަހަރެއްގެ މަތިން ވަރުގަދަ އަޑުފަށްގަޑެއް އިވިފައި ވެއެވެ. މި އަޑު އެހި ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް ކިޔައިދިން ގޮތުގައި މިއަޑު ބޮޑަށް ވައްތަރީ ބޯ، ފާރެއްކަހަލަ ތަނެއްގައި ބާރަށް ޖެހިގެން އިވޭކަހަލަ އަޑަކާއި ކަމަށެވެ. އެފަރާތްތަކުން ޚަބަރު އޮންލައިނަށް ކިޔައިދިން ގޮތުގައި، މިއަޑު ވަރަށް ގަދައަށް އިވިފައިވަނީ ދެފަހަރެއްގެ މަތިންނެވެ. އެހެންނަމަވެސް މި އަޑާއެކުވެސް މީހަލު ހަޅޭލެއްވި އަޑެއް އެ ފަންގިފިލާއިން އިފިވައެއް ނުވެއެވެ.
މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ހިނގި މިއަނިޔާވެރި މަރުގެ ހާދިސާ ހިނގިކަމަށް ބެލެވެނީ އެރޭގެ މެންދަމުގެ ކުރީގެ ވަގުތެއްގައެވެ. މިމައުލޫމާތު ލިބި ފުލުހުން މިހާދިސާ ހިނގި ފަންގިފލާއަށް ގޮސްފައިވަނީ އެރޭގެ 11:30 ހާއިރުއެވެ. އަދި ކުށުގެ ވެށިން ފުލުހުންވަނީ ޝިއާގެ ގާތިލް، ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްއާއި ޝިއާ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ދިއިރުޅެއްމުން ގޮސްފައިވަނީ އެ ފްލޯއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
އަނެއްކާވެސް، އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ޖެހޭ ކަމުގެ އަޑު ގަދަވެއްޖެ!
ރާއްޖޭގައި ފަހަކަށް އައިސް ހިނގާފައިވާ ކޮންމެ އަނިޔާވެރި މަރަކަށްފަހު، އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ޖެހޭކަމުގެ އަޑުތައް ގަދަ ވެގެން ދެއެވެ.
އަދި އަނިޔާވެރި މަރުތައް ހުއްޓުމަކަށް ގެނެވޭނީ ރާއްޖޭގައި މަަރަށްމަރު ހިފައިގެން ކަމަށާއި، އެނޫން ގޮތަކަށް އަނިޔާވެރި މަރުތައް ނުހުއްޓުވޭނެކަމަށް ބުނާ މީހުންގެ އަޑުތައް މިއިން ކޮންމެ މަރަކާއެކު ގަދަވެގެން ދެއެވެ.
ހަމައެއާއެކު ފާހަގަ ކޮށްލާން ޖެހޭ އަނެއް ކަމަކީ، މަރަށް މަރު ހިފާން ޖެހޭނެކަމަށް އެންމެ ހަރު އަޑުން ވަކާލާތުކުރާ ފަރާތްތަކަކީ ސިޔާސީ ފަރާތްތައް ކަމުގައި ވެގެން ދާކަމެވެ.
އެކަން ވާންވާނީވެސް އެހެންނެވެ. ރާއްޖޭގެ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންޖެހޭނެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާންޖެހޭނީވެސް އެ ފަރާތްތަކެވެ. އެއީ އެފަރާތްތަކުގެ ގާނޫނީ އަދި އިޖުތިމާއީ ޒިންމާއެއްވެސް މެއެވެ.
އެހެންނަމަވެސް މިކަން މިހެން އޮތް ނަމަވެސް، ރާއްޖޭގައި ހިގައިދާ މިފަދަ ކޮންމެ މަރަކާއެކުވެސް، މަރަށް މަރު ހިފާންޖެހޭނެކަމަށް ވަކާލާތު ކުރާ ފަރާތްތަކަށް ބަލާއިރު، މީގެ ތެރެއިން ގިނަ ފަރާތްތަކަކީ، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ މި އަދަބު ތަންފީޒު ކުރުމުގެ ފުރުސަތު އެފަރާތްތަކަށް ލިބި، އިސްލާމީ ޝަރީއައް އެފަރާތްތަކުން އެ ވިދާޅުވާ ބީދައިން ތަންފީޒު ކުރުމުގައި ފެއިލް ވެގެން ގޮސްފައިވާ ފަރާތްތައްކަން މިފުރުސަތު ފާހަގަ ކޮށްލާން ޖެހެއެވެ.
މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ޏ. ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު 22، ނުހަނު އަނިޔާވެރިކޮށް މަރާލުމާއެކު އިދިކޮޅު ޕީޕީއެމްއިންވެސް ބަޔާންނެރެ، ޝިއާގެ ގާތިލުގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާފައި ވެއެވެ. އެހެންނަމަވެސް، އެޕާޓީގެ ރައީސް، ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރައްވާނޭކަމަށް ވިދާޅުވެ، މި ހުކުމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ގޮންޖައްސަވާ ވާހަކަ ދައްކަވާފައި ވެއެވެ.
އެހެންނަމަވެސް، އެމަނިކްފާނުގެވެެސް 5 އަހަރުގެ ދައުރު ނިމިގެން ދިޔައީ، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރައްވާނޭކަމަށް ގަދަބަސް ވިދާޅުވެ ދައްކަވަމުން ގެންދެވި "ހުސް" ވާހަކަތަކާއެކު އެވެ.
ދެން ހުންނެވީ ރައީސް ޔާމިންގެ ދައުރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރެވެ. އޭނާއަކީ ރައީސް ޔާމިންގެ ދައުރުގައި ހޯމް މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، ރާއްޖޭގައި މަރަށްމަރު ހިފާނޭކަމުގެ ވާހަކަ ހަރުއަޑުން ދައްކަވަމުން ގެންދެވި ބޭފުޅެކެވެ. އަދި ފާއިތުވެދިޔަ ގިނަ ރިޔާސީ އިންތިޚާބުތަކުގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާ ކުރެއްވި ކެމްޕޭންތަކުގައި، އެންމެ މުހިންމު އެއްވައުދުގެ ގޮތުގައި މަރަށް މަރު ހިފާނޭކަމުގެ ވައުދު ވެވަޑައިގެންނެވި ބޭފުޅެއްވެސް މެއެވެ.
މި ހަފްތާގެ ހޮނިހިރުދުވަ ހިގައިދިޔަ ޝިއާގެ މަރުގެ ހާދިސާއަށްފަހުވެސް، އަދި ރާއްޖޭގަ ހިގައިދާ ކޮންމެ މަރުގެ ހާދިސާއަކަށްފަހުވެސް އުމަރުނަސީރު ޓުވީޓު ކުރައްވަނީ ރާއްޖޭގައި މަރަށްމަރު ހިފާންޖެހޭ ކަމަށާއި އެކަން ކުރައްވާނީ އޭނާކަމުގައި ވިދާޅުވެއެވެ.
If we are to reduce such horrible crimes, we must implement Islaamee Shariah. pic.twitter.com/oAwlgDIkuD
— Umar Naseer (@UmarNaseerMV) August 7, 2022
އެހެންނަމަވެސް، އޭނާއަކީވެސް ހޯމް މިނިސްޓަރުކަން ކުރެއްވުމުގެ ފުރުސަތުލިބިލެއްވި، މަރުގެ މައްސަލާގައި އަމަލާއި ބަހާއި ދިމާނުވާ ސިޔާސީ ބޭފުޅުންގެ ލިސްޓުން ޖާގަ ހޯއްދަވާފައިވާ ފަރާތެއްކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެއަށްފަހު މިހާރު ހޯމް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ، އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާނަކީ، ދީނީ އިލްމުވެރިއަކަށް ވުމުގެ އިތުރުން، އެތައް ޕްލެޓް ފޯމެއްގައި، ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރައްވަންޖެހޭކަމަަށް ހަރުއަޑުން ވާހަކަ ދައްކާވާ އެކަމަށް ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި ފަރާތެެވެ.
އެހެންނަމަވެސް، އިސްލާމީ ޝަރީއަތުގެ މިމުހިންމު އަދަބު ތަންފީޒު ކުރުމުގެ ގާނޫނީ ވާޖިބު އަދާކުރެވޭ ހިސާބަށް ވަޑައިގެންނެވުމުން، ޝެއިޚް އިމްރާން އަމިއްލަފުޅަށް ވިދާޅުވެފައިވަނީ، އޭނާ ނިސްބަތްވާ ސަރުކާރުގެ މިހާރުގެ ޕޮލިސީއަކީ މަރަށް މަރު ހިފުމުގެ އަދަބު ރާއްޖޭގައި ތަންފީޒު ނުކޮށް ބޭއްވުން ކަމުގައެވެ.
ހައްލު ވަރަށް ސާފު، ބޭނުމީ ތަންފިޒު ކުރުމުގެ ހިތްވަރު!
ރާއްޖޭގައި އަނިޔާވެރި މަރުތައް ތަކުރާރުވަމުން ދާއިރު، މުޖުތަމަޢުގައި ފެތުރެމުންދާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ހައްލު ވަރަށްވެސް ސާފެވެ. އަމާން މުޖުތަމަޢަކާއި ހަމައަށް ވާސިލްވެވެން އޮތް މަގުވެސް އޮތީ ސާފުކޮށް ފެންނާށެވެ. އަދި އެކަމަށް ވަކާލާތުކުރާ މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ.
އެއީ އިސްލާމީ ޝަރީއަތް މިރާއްޖޭގައި ތަންފީޒު ކުރުމެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީވެސް ލާޒިމްކުރަނީ އެކަން އެމަގުން ކުރުމަށެވެ. އެއީ މަރަށް މަރު، ނުވަތަ ގިސާސް ހިފުމުވެ. އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމެވެ. މިކަން ކުރުމަށް ޝަރުއީ ނިޒާމުގެ ފުރިހަމަ ނޫންކަމުގެ ވާހަކަތަކާއި، އެ ނިޒާމުގެ ބަލިކަށިކަމުގެ ވާހަކަތަކުން އުޒުރު ނުދައްކަވާ، މި ހައްލު ހޯދުމުގެ ހިތްވަރު ލިބިގަތުމެވެ. އަމާން މުޖުތަމައަކަށް މިނޫން ގޮތެއް ނެތްކަން ހިތާއި ރޫހުން ބަލައިގަތުމެވެ.
ވަކި ފަރުދެއްގެ، ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތަކުގެ މޫނަށް ކަނދުރާއަކަށް ނުބައްލަމާ އިސްލާމީ ޝަރީއަތް ތަންފީޒު ކުރެއްވުމެވެ. އެނޫން ހައްލެއް ފެންނާކަށް ނެތެވެ. ނުވެސް ފެންނާނޭމެއެވެ.
One Response
ބަލަ ބީތާވެފަތަ ތިހުރީ ހޯމްމނިސްޓަރަކަށް ހުއްޓަސް އެމީހަކަށް ވަލިއްޔުލް އަމުރުގެ އޯޑަރަށް ނޫނީ ނުކުރެވޭ…ތިއަށްވުރެ ކުޑަކަމެއް ފައިގަ ޓެގްއެޅުވުން.އެކަން ކުރަން އުޅެ ދެމީހެއްގެ ފައިގައި އެޅުވީ ބާރުތައް އަތުލީ.ގަދަހެދީމާ ބޭރުކޮށްލީ.ތަންދޮރު އެނގިގެން ލިޔެބަލަ.