ޔޯގާއަކީ ޙަރާމްކަމެކޭ ބުނާނެ ތަނެއް ނެތް: މައުމޫން

ޔޯގާއަކީ ޙަރާމްކަމެކޭ ބުނާނެ ތަނެއް ނެތް: މައުމޫން

Author
ހުސެއިން
28 ޖުލައި 2022 06:09
0

ޔޯގާފަދަ ސިއްޙީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހި ކުރިމަށްޓަކާ ކުރާ ކަސްރަތުތަކާއި ލަވަ ކިޔުމާއި މިއުޒިކް ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅު ވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ “ހަރާމްވާނީ ހަމައެކަނި ﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މިމައުޟޫޢުގެ މައްޗަށް އެމަނިކްފާނު ކުރެއްވި ދިރާސާއެއްގެ މައްޗަށް އާންމު ކުރެއްވި ލިޔުމެއްގައެވެ.

މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަ ކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.

މައުމޫނުހެ އަމިއްލަފުޅު ޕާޓީ އެމްއާރުއެމްއިން އާންމުކުރި މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ ހަރާމް އަދި ހަލާލު ކަންކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންކަންކަމަށާއި، ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެކަންކަމުގެ މައްޗަށް ހަރާމްކަމުގެ ގަރީނާތައް ފެންނާން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަންކަމަކީ ހުއްދަވެގެންވާ ކަންކަން ކަމުގައެވެ.

ސަބަބެއް ކަމުގައި މައުމޫން ބަޔާން ކުރައްވާފައިވަނީ، ދުނިޔެއާއި ދުނިޔޭގައި ވާހާތަކެއްޗެއް ﷲ ހައްދަވާފައިވަނީ އިންސާނުންނަށްޓަކާ ކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައި ވުމެވެ.

މައުމޫނުގެ ލިޔުއްވުމުގައި ވާގޮތުން ހަރާމް ހަލާލް ކަންކަމަކީ އެކަންކަން ކަނޑައެޅުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ވާ ކަންކަމެވެ.

ޔޯގާއަކީ ހަރާމްކަމެއް ނޫންކަމުގައި މައުމޫން ފަތުވާ ނެރުއްވާފައިވާއިރު މިއީ ހަރާމްކަމެއް ކަމުގައި ނިންމާ ރާއްޖޭގެ 104 ދީނީ އިންމުވެރިއަކު ނެރުއްވާފައިވާ ފަތުވާއެއް އިލްމުވެރިންގެ ގުޅުމުން ވަނީ އާންމު ކޮށްފައެވެ. އަދި މިމައްސަލާގައި ދީނީ އިލްވެރިންނާއި ސިޔާ ލީޑަރުންވެސް ގެންދަވަނީ އެކިއެކި ރައުޔުތައް ނެެރުއްވަމުންނެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން އަމިއްލަފުޅު ރައުޔު ހާމަކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝިދު ވިދާޅުވެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއްކަމުގައި ބުނާ ދީނީ އެއްވެސް ފަތުވާއެއް ނެތްކަމުގައެވެ.

އެހެންނަމަވެސް ޚިޔާލު ތަފާތުވުން ބޮޑު މި މައްސަލާގައި ސަރުކާރުގެ ފަތުވާ މަޖިލިހުން އަދި މިހާތަނަށް އެއްވެސް ރައުޔެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.