ބޮލީވުޑްގެ ހުނަރުވެރި ދެ ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލަށް މަރުގެ އިންޒާރު ދިން މައްސަލަ އެއް ފުލުހުން ބަލަން ފަަށައިފިއެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އެމީހުންނަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެއެވެ. އެއީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް އެ ދެމަފިރިން ރާއްޖެއަށް ކުރި ދަތުރު ނިންމާފައި އެންބުރި ގައުމަށް ދިޔަތަނާއެވެ. ހަފްތާއެއް ހާ ދުވަހުގެ މި ދަތުރުގައި އެމީހުންގެ އެންމެ ގާތް ބައެއް މީހުން ވަނީ ބައިވެރި ވެފައެވެ.
މި މައްސަލަ އާއި ގުޅިގެން ކެޓްރީނާ ގެ ދެމަފިރިން ވެސް އަދި ފުލުހުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިންސްޓަގްރާމް މެދުވެރިކޮށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް އޭނާ ބަންދިކޮށްފައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ވަނީ ދީފައެވެ.
ބައެއް މީޑިއާތަށް ބުނާގޮތުގައި ކެޓްރީނާ އާއި ވިކީއަށް މަރުގެ އިންޒާރުދީގެން ހައްޔަރުކޮށްފައި ވަނީ ސްޓްރަގްލިންގ އެކްޓަރެކެވެ. އަދި އޭނާގެ ނަމަކީ މަންވިންދަރް ސިންގް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އޭނާ ހައްޔަރުކުރީ ފުލުހަށް އެމައްސަލަ ރިޕޯޓުކުރިތާ އެއްދުވަސް ތެރޭގައެވެ.
ކެޓްރީނާ އާއި ވިކީއަށް މަރުގެ އިންޒާރު ދިން އިރު، ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ އަދި ބޮލިވުޑްގެ ސުޕަސްޓަރ ސަލްމާން ޚާނަށް ވެސް ވަނީ މީގެކުރިން މަރުގެ އިންޒާރު ދީފައެވެ.