ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށައަޅަން ހިލޭ ގުޅޭނެ ނަންބަރެއް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށައަޅަން ހިލޭ ގުޅޭނެ ނަންބަރެއް

Author
މުޙައްމަދު ޖިމީ
23 ޖުލައި 2022 08:53
0

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް އެ އޮފީހުން ތަޢާރަފުކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ ކުޑަކުދިންގެހައްގުތައް ރައްކާތެރިކުރުމުގެ މަޤްޞަދުގައި ޚާއްޞަ ޤާނޫނަކުން އުފެއްދެވި އޮފީހެކެވެ. އެ އޮފިސް އުފައްދާފައިވަނީ 23 ޖުލައި 2020ގައެވެ. އެ އޮފީހުގެ މައިގަނޑު މަސްޢޫލިއްޔަތުތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ މުއައްސަސާތައް ޢަމަލުކުރާ މިންވަރު ދެނެގަތުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިއާކުރުމެވެ.

އެ އޮފީހަށް 2 އަހަރު ފުރުމާއި ގުޅުވައިގެން، އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރު ނުވަތަ ހިލޭ ގުޅޭނެ ނަންބަރެއްގެ ގޮތުގައި އިފްތިތާޙްކޮށްފައިވަނީ 1656 އެކެވެ. މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާއްމުންނަށް ވީހާވެސް ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް އޮމަބްޑްސްޕަރސަންގެ އޮފީހުން ބުންޏެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުން ތަޙުޤީޤުކުރާނީ ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭ މައްސަލަތަކެވެ. ކާކުކަން ނޭނގޭނެހެންވެސް މި އޮފީހަށް މައްސަލަތައް ހުށައެޅޭނެއެވެ.

ހިލޭ ގުޅޭ ނަންބަރުގެ އިތުރުން އީމެއިލް މެދުވެރިކޮށްގެންނާއި، ސިޓީ މެދުވެރިކޮށްގެންނާއި، އަދި އޮފީހަށް ހާޒިރުވެގެންވެސް މައްސަލަ ހުށައެޅޭނެ އިންތިޒާމްވެސް އޮންނާނެކަމަށް އެ އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.