އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، މީގެ ތެރޭގައި ހިމެނެނީ، ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.
މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އެ ތަކެތީގެ ވެރިފަރާތް ތަކެތި ގެނދިޔަ ފަރާތްތަކަށް ބުނެދެވިފައި ނުވާތީކަމަށް ފުލުހުންގެ ފަރާތުން ހާމަ ކޮށްފައި ވެއެވެ.
ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، މިތަކެތީގައި ތެރޭގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހުރި، ޖުލައި 11 ވަނަ ދުވަހު ވެގާ ޕޮއިންޓް ފިހާރަ ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 700 ރުފިޔާ އާއި، ޖުލައި 18 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިއާ ބްރޭންޑްގެ މޯބައިލް ފޯނަކާއި ކަޅުކުލައިގެ އަތުކުރީ ގަޑިއެއް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތުން، ގުޅުއްވަން ޖެހޭކަމަށް ފުލުހުން ބަޔާން ކޮށްފައިވާ ނަމްބަރަކީ 9631696 އެވެ. މިތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ފުލުހުންނާއި ހިއްސާކުރެއްވުމުންނެވެ. މީގެ އިތުރުން ތަކެއްޗާއި ހަވާލުވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވަދައިގަންނަވާއިރު، ކާކުކަން އެނގޭނެ ލިޔުމެއް ގެންދަވަން ޖެހެއެވެ.
މީގެ އިތުރުން، މާފަންނު ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތީގެ ތެރޭގައި، ޖުލައި 17 ވަނަ ދުވަހު ދަކަނދާމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފެން މޯޓަރެއް ހިމެނެއެވެ. އަދި ޖުލައި 20 ވަނަ ދުވަހު ޔާގޫތު ގޯޅިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިސްކޯ ލައިޓަކާއި އެމެޖެންސީ ލައިޓެއްވެސް ހިމެނެއެވެ. ހަމަ އެއާއެކު ޖުލައި 20 ވަނަ ދުވަހު އަބަދަށްއުފާ މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއްވެސް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތުން، ގުޅުއްވަންޖެހޭ ނަމްބަރަކީ 9660183 އެވެ. އަދި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ކާކުކަން އެނގޭ ލިޔުމަކާއެކު މިތަކެތި ހުރި ޕޮލިސް ސްޓޭޝަނަސް ދިއުމުން ވެރިފަރާތާއި މިތަކެތި ހަވާލު ކުރެވޭނެކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ