އެމެރިކާގެ ރައީސް ޖޯ ބައިޑްން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ކަރީން ޖީން ޕިއަރ ވިދާޅުވެފައިވަނީ، ބައިޑްންގެ ކިބައިން ފެންނަމުންދަނީ ކޯވިޑްގެ ވަރަށް އާދައިގެން އަލާމާތްތަކެއް ކަމުގައެވެ.
"މިއަދު ހެނދުނު ރައީސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފަ. ރައީސްވަނީ ވެކްސިން ފުރިހަމަކޮށް، ދެފަހަރަށް ބޫސްޓަރ ޑޯޒްވެސް ޖައްސަވާފަ، ފެންނަމުންދަނީ އާދަިއގެން އަލާމާތްތަކެއް. މިހާރުވަނީ ޕެކްސްލޮވިޑް ބޭސް ބޭނުން ކުރައްވަން ފައްޓަވާފަ. އަދި ސީޑީސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ވައިޓްހައުސްގައި އެކަހެރިކޮށް ހުންނަވާ، ހުރިހާ ޒިންމާއެއް އަދާ ކުރައްވަމުން ގެންދަވާނެ،" ޕްރެސް ސެކެޓްރީ ވިދާޅުވެފައި ވެއެވެ.
ވައިޓް ހައުސްގެ ކޮރޯނާ ވައިރަސް ޑޮކްޓަރު ވިދާޅުވެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބައިޑްން ހުން އައިސްފައެއް ނުވެއެވެ. ޑޮކްޓަރު ވިދާޅުވެފައިވާ ގޮތުގައި، އެހެންނަމަވެސް ކެއްސާ، ނޭފަތުން އައިސް، ބައިޑަންއަށް ވަނީ ވަރުބަލިކަން އިހުސާސް ކުރަން ޖެހިފައެވެ.
ބައިޑަންގެ އަނބިކަބަލުން، ފަސްޓް ލޭޑީ ޖިލް ބައިޑްން ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު އޭނާ ކޯވިޑަށް ނެގެޓިވް ވެފައި ވާކަމުގައެވެ.
"އަހަރެން އޭނާއާއި މީގެ ކުޑަ ވަގުތުކޮޅެެއް ކުރިން ވާހަކަ ދެއްކިން. ހާލު ރަގަޅު،" ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޖިލް ބައިޑަން ވިދާޅުވެފައި ވެއެވެ.
މިއީ އުމުރުން 79 އަހަރުގެ ބައިޑްން ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ކޯވިޑަށް ޕޮޒިޓިވް ވުމާއެކު، ބައިޑްން މިހާރު ބޭނުން ކުރައްވަން ފައްޓަވާފައިވާ ޕެކްސްލޮވިޑް ބޭހަކީ އުމުރުން 12 އަހަރުން މަތީގެ، ހައި ރިސްކު ކެޓަގަރީގެ މީހުން އެމަޖެންސީ ހާލަތުގައި ނެގުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓަރޭޝަން ދޫކޮށްފައިވާ ބޭހެކެވެ. މިބޭސް ބޭނުންކުރުމުގެ ހުއްދަ އޮންނަނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ.
One Response
ވެކްސިންތަކެއް މިޖެހީ ކީއްކުރަންބާވައެވެ؟ އެންމެ ގިނައިން މި ކޮވިޑެއް ޖެހެނީ އެންމެ ގިނައިން ވެކްސިންޖެހި މީހުންނަށެވެ. އިޒްރޭލްގެ ބޮޑުވަޒީރާއި މީނައާއި ދެމީހުން މިހާރު ތިންހަތަރުފަހަރު ޕޮސިޓިވްވީއިރު ކޮންމެ މީހަކު ހަތަރުފަހަރު އެންމެކުރީބައިގައި ވެކްސިން ޖަހައެވެ. މި ޥެކްސިން މީ ބޮޑު ޖޯކަކަށް ވެއްޖެއެވެ.