ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބަހަން، އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ، ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 71 މެމްބަރުން ބައިވެރިވިއިރު މި އުސޫލު ފާސްވެފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބާރަށު ދާއިރާގެ މެމްބަރު އަދި ޗެއަރޕާސަންގެ ނާއިބު މާލީ، އަހުމަދު އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުން ކަންކަން ހިންގުމަށް ބާރު އަޅާ އަދި އެ ކަންކަމަށް ހިތްވަރު ދޭ ޕާޓީއެއް ކަމަށެވެ. އެހެންކަމުން މި އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ 60 ޕަސެންޓް އެމްޑީޕީން ބަހާނީ އެ ޕާޓީގެ ދާއިރާތަކަށްކަމަށް ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
މި 60 ޕަސެންޓުގެ ތެރެއިން 20 އިންސައްތަ ފައިސާ ބަހާނީ ހުރިހާ ރަށަކަށް ހަމަހަމައަށް ކަމަށާއި 25 ޕަސެންޓު ފައިސާ ވަކި ދާއިރާތަކަށް ބަހަން ނިންމާފައިވާކަމަށް އެމްޑީޕީން ބުންޏެވެ. އަދި 45 ޕަސެންޓު ފައިސާ ދާއިރާތަކަށް ބަހަން ނިންމާފައިވަނީ އެ ދާއިރާއެއްގައި ތިބޭ މެމްބަރުންގެ ނިސްބަތުން ކަމަށާއި ބާކީ 10 ޕަސެންޓު ފައިސާ، ހުރިހާ ދާއިރާތަކާ ގުޅުންހުރި ކަންކަމުގައި ބޭނުން ކުރުމަށް އެ އުސޫލުގައި ނިންމާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހާއި އެއްގޮތަށް 87 ދާއިރާއަށް އެމްޑީޕީ ބަހާފައިވެއެވެ. އެމްޑީޕީއަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުން 15.02 މިލިއަން ރުފިޔާ ދީފައިވެއެވެ.
އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ ބޮޑު ބައެއް ދާއިރާތަކަށް ދިނުމަކީ، މިހާރުގެ ޗެއަރޕާސަން، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ޗެއަރޕާސަން އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ.
ކޮމެންޓު ފޮނުވާ