ކ. ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ގައިގައި ތަޅައި ހަމަނުޖެހުން ހިންގުމަކީ ދިއްފުށީގައި އޮންނަ މެމްބަރު ނަސީމްގެ ރަންނަމާރި އުސޫލުތޯ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލުކުރައްވައި ހޫނު ރައްދެއް ދެއްވައިފިއެވެ.
މިދިޔަ ބޮޑު އީދު ބަންދުގައި ޗުއްޓީ އަށް ދިއްފުއްޓަށް ދިޔަ ގއ. ވިލިނިގިލީ މުހައްމަދު ޝިހާމް، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، އެ ރަށު ބަޔަކު ވަނީ އޭނާ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގައިފައެވެ. އެ މައްސަލައިގައި ދިއްފުށީގައި ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިންގިއެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ ވެސް އެސްއޯ ފުލުހުން ގޮސްގެންނެވެ.
މިހަމަ ނުޖެހުމާއި ގުޅިގެން މެމްބަރު ނަސީމް ވިދާޅުވި ގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމަކަށް ހިތްވަރުދީ، ލޯބި ކުރި މީހެއް ނޫނެވެ. އެކަމަކު، "ރަންނަމާރި ހެދިގެން" ރަށްރަށުގައި ނޫޅެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
Dhifushi ga onnany @IbreyNaseem ge rannamāri usoolutho! @PoliceMv ?Thuhumatheh ufedhumun ekamah oi qānoony hamathah nagālā, jangalēge usoolun insānaku thalha marā kathilan dhookollumaky hama erashuge rayyithunai adhi aman balahattan thibbevi fulunge ves visnunbā?! #Justic4Shiham
— Saud Hussain MP (@SaudVillingili) July 20, 2022
ނަސީމްގެ މިވާހަތަކަށް ރައްދު ދެއްވައި ސައުދު ވިދާޅުވީ ތުހުމަތެއް އުފެދުމުން އެކަމަށް އޮތް ޤާނޫނީ ހަމަތައް ނަގާލައި، ޖަންގަލީގެ އުސޫލުން އިންސާނަކު ތަޅާމަރާ ކަތިލަން ދޫކޮށްލުމަކީ މެމްބަރު ނަސީމާއި، ދިއްފުށީ ރައްޔިތުންގެ އުސޫލުތޯ ސުވާލު ކުރައްވާފައެވެ.
ދިއްފުށީގައި އޮންނަނީ އިބްރާހިމް ނަސީމްގެ ރަންނަމާރި އުސޫލުތޯ؟ ތުހުމަތެއް އުފެދުމުން އެކަމަށް އޮތް ޤާނޫނީ ހަމަތައް ނަގާލައި، ޖަންގަލީގެ އުސޫލުން އިންސާނަކު ތަޅާމަރާ ކަތިލަން ދޫކޮށްލުމަކީ ހަމަ އެރަށު ރައްޔިތުންނާއި، އަދި އަމަން ބަލަހައްޓަން ތިއްބެވި ފުލުހުންގެވެސް ވިސްނުންބާ؟
– ސައުދު ކުރި ޓުވީޓުގައި ވިދާޅުވިއެވެ.
ދިއްފުށިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަމަނުޖެހުންތަކުގައި ފުލުހުންނާއި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ ފުލުހަކަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާކަމަށެވެ. އަދި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙުޤީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ދިއްފުށި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތްވެސް ޕޮލިހުންގެ ޕްރޮފެޝަަން ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ތަޙްޤީގުކުރަމުންނެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ޖިނާޢީ މައްސަލަތައް ތަޙްޤީގު ކުރުމުގެ ޤާނޫނީ ޒިންމާ އޮންނަ ދަޢުލަތުގެ އިދާރާތަކަށް އަންގައިގެން އޮންނަ އުޞޫލްތަކުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ