ޑރ.ވަޙީދުގެ ރައްދު ޢިމްރާނަށް: އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެ!

ޑރ.ވަޙީދުގެ ރައްދު ޢިމްރާނަށް: އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެ!

Author
މުޙައްމަދު ޖިމީ
18 ޖުލައި 2022 10:15
0

އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު، މިސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާނަަށް ރައްދު ދެއްވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު މިފަދައިން ރައްދު ދެއްވާފައިމިވަނީ، އެއްވެސް ދީނީ ޢިލްމުވެރިއަކަށް އަނިޔާ ނުކުރާނެކަމަށް އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެކަމަށް ވިދާޅުވެ ރައްދު ދެއްވައި އިތުރު އެއްޗެއް ރައީސް ވަހީދު ވިދާޅެއް ނުވެއެވެ.

ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައ ހައްޔަރުކުރި ދެ ދީނީ ޢިލްމުވެރިން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްޖިންސުން ގުޅުން ހިންގި މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ސަރުކާރާއި، ހޯމް މިނިސްޓަރ ޢިމްރާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ފާޑުކިޔުންތަކަށް ތަކުރާރުކޮށް ދިފާޢުގައި ޢިމްރާން ގެންދަވަނީ ޓްވީޓްކުރައްވަމުންނެވެ.

ޢިމްރާނަށް ފާޑުކިޔުން އަމާޒުވީ، ފުލުހުންގެ މުއައްސަސާގެ މެންޑޭޓްވެސް ހިމެނޭ ހޯމް މިނިސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ހުންނެވުމުންނެވެ.

ޔޯގާ ހަރަކާތާއ ގުޅިގެން ދީނީ ޢިލްމުވެރިންކަމަށްވާ ޝައިޚް ފަޟްލޫން މުޙައްމަދާއި، ޝައިޚް އާދަމް ނިޝަން ހައްޔަރުގައި ހުންނަވާތާ މިހާރު ވަނީ 28 ދުވަސް ވެފައެވެ. އެ ޢިލްމުވެރިންގެ ބަންދުގެ މުއްދަތު ހަމަވާއިރަށް ފުލުހުން ދަނީ މުއްދަތު އިތުރުކުރަމުންނެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުން ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރ ޢިމްރާނެވެ. މިކަމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޭ ޢިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ،  އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އޭނާ އަނިޔާއެއް ނުދެއްވާނެ ކަމަށެވެ. އަދި އިލްމުވެެރީން ހައްޔަރު ކޮށްގެން ގެންގުޅުމާ އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ދައްކަވަން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުންނަށް އަބަދުވެސް އިލްތިމާސް ކުރައްވާކަމަށެވެ.

ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއްކަމަށް ވިދާޅުވެ ދީނީ ޢިލުމުވެރިންގެ ފާޑުކިޔުން ޢިމްރާނަށް އަމާޒުވެފައިވެއެވެ. އޭގެތެރޭގައި މީގެ ކުރިން ސިޔާސީ އެއްވެސް ކަމަކަށް ވާހަކަ ދައްކާފައިނުވާ ޢިލްމުވެރިންވެސް ގެންދަވަނީ ޢިމްރާނަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.