ރާއްޖޭގެ މުޖުތަމަޢު މަޒުހަބީ ތަފާތުވުންތަކާއި ފިތުނައިގެ ތެރެއަށް ވެއްޓިގެން ދިއުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ފަހަކަށް އައިސް ސުންނީ އަދި ޝީޢީ މަޒުހަބާ ގުޅޭގޮތުން ރާއްޖޭގައި ބަހުސްތަކެއް ފެށިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު މީސްމީޑިއާގައި ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބި ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި މެދުމިނުގެ އުޞޫލުތައް ޤަބޫލުކުރާ ބައެއްކަން ފާހަގަކުރައްވައި، އެގޮތުގައި ދެމިތިބުމަށާއި ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ކަންކަމުން ދުރުވުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.
ދީނީ ގޮތުން މުސްލިމުން ބައިބައިކުރުމަށް އިސްލާމްދީނުގެ ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކަށް ސަމާލުވުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން، އެކިއެކި ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭގޮތުން ޙަޤީޤަތް އޮޅޭފަދަ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށާއި، އެފަދަ ޢިލްމީ މައުޟޫޢުތަކުގައި ބަސްބުނަންވާނީ ހަމައެކަނި އެކަމުގެ ފުރިހަމަ ޢިލްމު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރިންކަމަށް ވެސް މިނިސްޓަރު ނަޞޭޙަތްތެރިވެވަޑައިގަތެވެ.
ދިވެހިންގެ ތެރޭގައި މި ބަހުސް އުފެދިފައިވަނީ މެދުއިރުމަތީގެ މަޝްރަޙު ހޫނުވެ، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މިގޮތުން، އީރާނުގެ ދީނީ ލީޑަރުންނަކީ ޞަޙާބީންނަށް ބަދުބަސްބުނާ ބާޠިލު ޢަޤީދާއެއްގެ ބައެއްކަމަށް ބުނެ ދީނީ ޢިލްމުވެރިޔާ އަޙްމަދު ސަމީރު ކުރެއްވި ޕޯސްޓަކާ ގުޅިގެން ޚިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. ނަމަވެސް، މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ސުންނީންނާއި ޝީޢީންނަކީ ވެސް މުސްލިމުން ކަމަށާއި، މަޒުހަބީ ގޮތުން މުސްލިމުން ބައިބައިކުރަން އުޅެނީ ދީނުގެ ދުޝްމަނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ