ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކާ އެއްގޮތަށް، މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އާ ޓެކްސީ ޚިދުމަތަށް ބޭނުންވާ 107 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޤާމުތަކަށް މީހުން ނަގާނީ މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރާ ގޮތަށް، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ވަޒީފާއަށް ނަގާ ޑްރައިވަރުން ހަފުތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، އެ ފަރާތްތަކުގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީގެ ލައިސަންސެއް އޮންނަން ޖެހޭނެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ޚާއްޞަ އިސްކަމެއް ދޭނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެމްޓީސީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެއެވެ. މަޤާމަށް އެދޭ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އިންޓަވިއުތައް އާދީއްތަ ދުވަހުން ފެށިގެން އޭޕްރީލް 23 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަންނަ މަހުގެ 2 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް 60 ކާރެވެ. މި އުޅަނދުތައް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ދުވާލުގެ 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެ މި ޓެކްސީ ޚިދުމަތް ފޯރުކޮށްދޭނީ މިކަމަށް ޚާއްޞަކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މި އެޕްގެ އެހީގައި ކަސްޓަމަރުންގެ ލޮކޭޝަނާއި އެންމެ ކައިރީގައިވާ ޓެކްސީތައް ފަސޭހައިން ދެނެގަނެވޭނެއެވެ. މީގެ އިތުރުން، ދަތުރުކުރުމުގައާއި އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ އެހީތެރިވުމަށް '1655′ ގެ ނަމުގައި ޚާއްޞަ ހޮޓްލައިނެއް ވެސް އެމްޓީސީސީން ވަނީ ގާއިމުކޮށްފައެވެ. މިއީ މާލޭގެ ޓެކްސީގެ މައްސަލަތަކާ ގުޅިގެން އާންމުން ކުރަމުންދާ ޝަކުވާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ދެކެއެވެ.
ކޮމެންޓު ފޮނުވާ