ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

Author
އަހުމަދު
26 މާރޗް 2026 03:36
0

ދިވެހި ފުލުހުންގެ އެންމެ އިސްވެރިޔާ، ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. ފުލުހުންގެ އިދާރާއިން ސީޕީއަކު ހޯދުމަށް އިއުލާނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ފަހުން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. އެންމެ ފަހުން ސީޕީ ކަމުގައި ހުންނެވި ނަވީން އެ މަގާމާ ހަވާލުވެވަޑައިގަތީ، އޭގެ ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭރުވެސް ފަރުހާދު ފިކުރީ ވަނީ އެ މަގާމަށް ވާދަކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ ކުރިން ޕޮލިސް ބޯޑުން ކެންޑިޑޭޓުންނާ އިންޓަވިއުކޮށް ގާބިލުކަން ވަޒަންކުރާނެއެވެ. އެއަށްފަހު، ބޯޑުން ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.