ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި އެޗްޑީސީގެ ޕްލޭނިންގ ޑިޕާޓްމަންޓުން އެރަށުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައިފިއެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި ޕްލޭންގެ ދަށުން ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު އެކުންފުނިން ދަނީ ކުރަމުންނެވެ. މިގޮތުން ހަޓުތަކާއި، ފާޚަނާބަރި ފަދަ ތަންތަން ވަނީ މި ޕްލޭންގެ ދަށުން އެކުލަވާލައިފައެވެ. އަދި މީގެއިތުރުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް އެޗްޑީސީން ވަނީ ޕްލޭން ކޮށްފައެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، ކުޑަގިރި ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭނެއް ހިމެނޭއިރު، މި ރަށުގައި ޔުޓިލިޓީސްގެ ޚިދުމަތްތައް ގާއިމް ކުރުމަށް އެސްއޯއީ ތަކާއި ގުޅިގެން އެޗްޑިސީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ރަށުގައި ކަރަންޓުގެ ޚިދުމަތް ގާއިމްކުރުމުގެ އިތުރުން އާރޯ ޕްލާންޓެއް އިންސްޓޯލް ކުރުމާއި، ރަށުގައި ކުނި މެނޭޖްކުރާނެ ޕްލޭނެއްވެސް އެޗްޑީސީންވަނީ އެކުލަވާލާފައެވެ.
އެޗްޑީސީގެ ފަރާތުން ކުޑަގިރީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ޕްލޭންގެ ތެރޭގައި ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެގޮތް ހިމެނިގެން ދާއިރު، މި ޕްލޭންތައް އެ ކުންފުނިން އެކުލަވާލަމުން ދަނީ ސަރުކާރުގެ އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން، މުވައްސަސާތަކުގެ މަޝްވަރާއާއި އެހީތެރިކަމާ އެކީއެވެ. މީގެއިތުރުން ރަށުގައި ގާއިމްކުރެވޭ ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުންފަދަ ޚިދުމަތްތައްވެސް އެޗަޑީސީންވަނީ ގާއިމް ކޮށްފައެވެ.
އެޗްޑިސީން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނިން މިހާރު ވަނީ އެމް.އެން.ޑީ.އެފްއާ ގުޅިގެން، ގުޑަގިރީގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ޑިޒައިންކޮށް އެކުލަވާލާފައެވެ. އަދި އެޗްޑީސީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ޤާއިމްކުރުމުގެ އިތުރުން، އާންމުން ޕިކްނިކް ދިއުމަށް ޚާއްސަކުރެވޭ މިރަށުގައި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، ކުޑަގިރީގެ މަސައްކަތް މުޅިން ނިމިގެންދާއިރު، މިރަށް ވެގެން ދާނީ، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށެވެ.
ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް މިމަހުގެ 26 ވަނަ ދުވަހު ޢާއްމުނަށް ބޭނުންކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރައްމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުންފުނިތަކަކީ އެޗްޑީސީގެ އިތުރުން އެމްޓީސީސީއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ވަނީ ބަންދުވެފައެވެ. މިހާރު ގިނަ ބަޔަކު އާއިލާއާއެކު މޫދަށްގޮސްލާ ހަދަން ބޭނުންވާނަމަ ދާންޖެހެނީ ހުޅުމާލެ ނުވަތަ ވިލިމާލެއަށެވެ. ނޫނީ ފިނޮޅުތަކަށެވެ.
އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑާއިއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެއެވެ. ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެކަމަށް އެމްޓީސީސީންވެސް ވިދާޅުވެފައެވެ.
މާލޭ ކައިރީގައި، އާންމު ރައްޔިތުން ޗުއްޓީ ހޭދަކޮށްލާނެ ޚާއްސަ ރަށެއް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަމީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ.