ޢިމްރާނުގެ ރައްދު: ހަޤީގަތަކީ މިހާތަަނަށް ދީނަށް އެންމެ ބޮޑު ޚިދުމަތެއްކުރީ އަދާލަތުން!

ޢިމްރާނުގެ ރައްދު: ހަޤީގަތަކީ މިހާތަަނަށް ދީނަށް އެންމެ ބޮޑު ޚިދުމަތެއްކުރީ އަދާލަތުން!

Author
މުޙައްމަދު ޖިމީ
14 ޖުލައި 2022 09:45
0

ހަޤީގަތަކީ މިހާތަނަށް ރާއްޖޭގައި އިސްލާމްދީނަށް އެންމެ ބޮޑު ޚިދުމަތެއްކުރީ އަދާލަތު ޕާޓީންކަމަށް އެޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ، އަދާލަތު ޕާޓީ އުފެދުނީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ގިނަބައެެއް ފާޑުކިޔުން އްަމާޒުވުމުން ކުރެއްވި ޓްވީޓްގައެވެ.

ޢިމްރާނަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވީ، ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިންތަކެއް ހައްޔަރުކޮށް ބަންދަށް ގިނަ ދުވަސްތަކެއް ޖަހާފައިވީނަމަވެސް، އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިނުވާތީއެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވައި އިމްރާން ވިދާޅުވީ ހަގީގަތަކީ ބަޔަކަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ 3 އަހަރާއި ބަޔަށް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ ޢިލްމުވެރިންނަށްވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މިރާއްޖޭގައި ނޯންނާނެކަމަށެވެ.

ޢިމްރާންގެ މި ޓްވީޓައި ގުޅިގެންވެސް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. ދީނީ ކަންކަމުގެ ހިމާޔަތުގައި އަދާލަތު ޕާޓީ އުފެދުނުނަމަވެސް، އެޕާޓީ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ސިޔާސީ ކަންކަމުގައިކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖޭގައި މިފަހުން ދީނާއި ޚިލާފް ގިނަ ކަންތައްތަކަކާއި، އިލްމުވެރިންނާއި ދެކޮޅަށް އެތައް ކަމެއް ކުރަމުންދާއިރު އަދާލަތު ޕާޓީން ރަސްމީކޮށް މިކަންކަމުގައި އުޅޭލެއް ކުޑަވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަދާލަތަށް އަމާޒުވެފައެވެ.

މީގެ ކުރިން ދީނާއި ދެކޮޅަށް ހިންގޭ އެކި ހަރަކާތްތަކުގައި އަދާލަތު ޕާޓީން އަދާކުރަމުންދިޔަ ދައުރާ ގާތަށްވެސް މިހާރު މަސައްކަތް ނުކުރާކަމަށް ގިނަ ބަަޔަކުދަނީ ބުނަމުންނެވެ. ނަމަވެސް އަދާލަތަށް ނިސްބަތްވާ ބައެއް ވަކިވަކި ޢިލްމުވެރިން އެބޭފުޅުން ވިދާޅުވަންޖެހޭ ހައްގުބަސް އެބޭފުޅުންގެ ފަރުދީ ޒިންމާގެ ތެރެއިން ދަނީ އަދާކުރަމުންނެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއަކަށްވެފައި، އަދި ޕާޓީގެ އިސްސަފުގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވުމުން، އެޕާޓީއަށް ސަރުކާރާއި ދެކޮޅަށް ނިކުންނަންޖެހޭ ކަންކަމުގައި ނިކުތުމަކި ފަސޭގަ ކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.