އަޟްޙާ ޢީދާ ގުޅިގެން މާލޭގައި ހަވީރުގަޑީގައި ހިނގާފައި އުޅޭގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސަވައިފިއެވެ.
ޢީދު ދުވަހާއި ވަޅު ޢީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 ޖެހުމާހަމައަށ ދުއްވާ އެއްޗެހި ނުދުއްވޭގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވީ ނަމަވެސް ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެ ގޮތުން މިދިޔަ ފިޠުރު ޢީދުގައިވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދުއްވާއެއްޗެހި ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާފައެވެ.
ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް މާލެއަކީ ކާރޫބާރުބޮޑު، ތޮއްޖެހުން ބޮޑުތަނަކަށްވުމުން ހިތްހަމަޖެހުމާއެކު ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު އޮންނަނީ ދަތިކަމަކަށް ވެފައެވެ. އެހެންނަމަވެސް މަދުންނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމުން އެފަރާތްތަކަށް ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެންދެއެވެ.
މިފަހަރު ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖައްސައިދޭ މި އިންތިޒާމްގެ ތެރެއިން އާއްމު ރައްޔިތުންނަށް ޢީދުގެ އުފާވެރިކަން ހޯދުމަށް އާއްމުންގެ ތެރެއިން ކޮންމެ ފަރުދެއްގެވެސް އެއްބާރުލުން ދިނުމަކީ މުހިއްމުކަމެކެވެ. އަދި އިންޖީނުލީ އުޅނަދު ދުއްވުން މަނާ ގަޑިތަކަގައި އުޅަނދުތައް ނުދުއްވާ، ފައިމަގުގައި އުޅުމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރެވޭނެކަމެކެވެ.
ކޮމެންޓު ފޮނުވާ