މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 428 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދީފައިވާކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެއޮފީހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ އެކި މުއައްސަސާތަކުން 471 ޤާނޫނީ ލަފައަކަށް އެދި ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާއިފައިވެއެވެ. އޭގެ ތެރެއިން 428 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާދީފައިވެއެވެ.
އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ އެއްބަސްވުންތަކާ ގުޅޭގޮތުން ދީފައިވާ ޤާނޫނީ ލަފައެވެ. އެގޮތުން 122 ލަފައެއް އެއްބަސްވުމާ ގުޅޭގޮތުން ލަފާދީފައިވެއެވެ. ދެން ހިމެނޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު ޤަވައިދުތަކާއި ގުޅޭގޮތުން 81 ޤާނޫނީ ލަފައެއް، އުޞޫލުތަކާއި ގުޅޭގޮތުން 26 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 5 ލަފައެއް، ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން 7 ލަފައެއް އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 187 ލަފައެއް ދީފައިވާކަމށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.
އެޓަރނީ ޖެނަރަލްގެ މަޤާމާ އިބްރާހީމް ރިފްއަތު ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެއްވަމުންދާ ޤާނޫނީ ލަފާތަކާއި ދައުވާކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމު ކުރައްވަމުންނެވެ. ޢާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މަޢުލޫމާތު އާންމު ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ