ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް

ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2022 09:33
0

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަކީ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ލަތީފް އަވަހާރަވީ ދިރިއުޅުވަމުންދާ ސްރީލަންކާގައެވެ. ލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ލަތީފް އަވަހާރަވި ޚަބަރު އެހީ ނުހަނު ފުންހިތާމައާއި އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލަތީފަކީ ރާއްޖެއަށް ޑިމްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެމްޑީޕީގެ އެއް ފައުޑަރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ. ލަތީފްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާކުރައްވާފައެވެ.

ލަތީފް އަވަހަރާވުމާއި ގުޅިގެން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، އިސްލާހީ ހަރަކާތުގައި އެމަނިކުފާނާއިއެކު މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ގެންދަވަނީ ތައުޒިޔާ ދަންނަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް 1989 ވަނަ އަހަރު ކުރައްވާފައިވާ ލަތީފަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިއުމަންރައިޓްސް އެމްބަސަޑަރުކަންވެސް ކުރައްވާފައެވެ. އެމަނިކުފާނު މަޖިލިސް މެމްބަރުކަން ދޫކޮށްލައްވަން ޖެހި ވަޑައިގަތީވެސް ސިޔާސީ އިސްލާހީ ހަރަކާތުގައި ކުރެއްވި މަސައްކަތުގައި ހައްޔަރުކުރުމާއި ގުޅިގެނެވެ.

ސިޔާސީ މަސައްކަތުގައި މިފަހުން ލަތީފް ހަރަކާތްތެރިވާތަން ނުފެނެވެ. އަދި ފަހުން ޢާއިލާއާއިއެކު ދިރިއުޅުއްވަމުން ދިޔައީވެސް އެމްޑީޕީ އުފެއްދުމުގައި އިސް މަސައްކަތްތަކެއް ކުރެެއްވި އަވަށްޓެރި ސްރީލަންކާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.