ނޫހަކުން ލިޔުނު ހަބަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ސަލީމްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން އޭނާ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހެޅީ މިމަހު 25 ވަނަ ދުވަހު "ދިޔަރެސް"ގައި ލިޔެފައިވާ ލިޔުމެއްގައި މެންބަރު ސަލީމްއާ ގުޅުވާ ގަސްދުގައި ދޮގު މައުލޫމާތު ފަތުރާ ގެއްލުން ދިނުމުގެ މަގްސަދުގައި ލިޔުން ޝާއުއު ކޮށްފައިވާ ކަމަށް ބުނެއެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ދައުވާ ހުށަހެޅީ މިއަދެވެ.
ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބަރަހަނާ މަންޒަރުތަކެއް ފެންނަ ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ މެންބަރު ސަލީމް ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ މީހާއާއި އެކަމުގެ ހަގީގަތް ސާފު ކުރުމުގެ ގޮތުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ. ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއްވެފައިވާ ވީޑިއޯއެއް ކަން ގިނަ ބަޔަކަށް އެނގޭއިރު، އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އެ ހަބަރު ޝާއިއުކޮށްފައި ވަނީ ސަލީމްއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
އެ ނޫހުގައި ޝާއިއުކުރި ކަމަށް ބުނާ ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އޭނާގެ ވަކީލުންގެ ޓީމުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކޮމެންޓު ފޮނުވާ