ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ ހުރީ ކުރިއަށްއޮތް ފަސް މަސްދުވަހަށް ފުދޭ މިންވަރަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާލުވެފައިމިވަނީ މި ހިނގާ ޖޫންމަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ ޢަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދައްކަން އަދާކުރަންޖެހޭކަމަށާއި، ޑެފިސިޓް 150މިލިއަން ޑޮލަރަށް އިތުރުވާތީ ރާއްޖޭގެ ރިޒާވްގައި އަސާސީ ޚިދުމަތްތަކަށް ކާޑާއި ބޭހާ ތެލަށް ފައިސާ ހުރި މިންވަރު ސާފުކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ލިޔުމުންޖަވާބު ހޯއްދެވުމަށް ހުށައެޅުއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
އަމީރު ޖަވާބުން މަޖިލީހަށް ހުށައެޅުއްވި ޖަވާބުގައި ވަނީ ބޭރު ފައިސާގެ ރިޒަރވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބަލް ރިޒަރވް އަކީ މިވަގުތު އެމްއެމްއޭއިން ޝާޢިއުކުރާ ނަންބަރެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާ ފިނޭންސް މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް މެނޭޖްކުރުން ޤާނޫނީގޮތުން ހަވާލުކުރެވިފައިވަނީ އެމްއެމްއޭ އަށް ކަމަށެވެ. އަދި ރިޒަރވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އެމްއެމްއޭއިން ހޯދުމަށްވެސް ފިނޭންސް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރގެ ދެއްވި ޖަވާބުގައި އުނި ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ އަލުން ޖަވާބު ފޮނުވުމަށް އަންގަވާފައެވެ. އަމީރުގެ ޖަވާބުތަކަށް ކަންބޮޑުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މާލީ ކަންކަމަކީ ފިނޭންސް މިނިސްޓަރާއި ހަވާލުކޮށްފައިވާ ކަންތައްތައް ކަމަށާއި، ޤާނޫނުންވެސް އެކަންތައްތައް ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓަރާއި ކަމަށެވެ.
ކޮމެންޓު ފޮނުވާ