ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ތަޖުރިބާ ދަތުރުތައް ހއ.އަތޮޅުގައި ފަށައިފިއެވެ.
ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަތުރުތައް ފުރަތަމަ ހަފްތާތެރޭގައި ކުރަމުންދަނީ ހިލެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްއިން ހއ.އަތޮޅުގައި ދަތުރުތައް ފެށުމަށް ބޭނުންވާ 5 ސްޕީޑް ފެރީ ފޮނުވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެމްޓީސީސީން ވިދާޅުވީ ހއ.އަތޮޅުގެ ތަޖުރިބާ ދަތުރުތައް މިހާރު ފަށާފައިވާކަމަށެވެ. ތަޖުރިބާ ދަތުރުތައް ކުރިއަށްގެންދާނީ އެއް ހަފްތާއަށެވެ. ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ އާރް.ޓީ.އެލް ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ.
ޤައުމީ ފެރީ ނިޒާމްގެ ދަށުން ރަށްރަށުގައި އަންނަނީ ފެރީ ސްޓޮޕްތައް ވެސް ޤާއިމްކުރަމުންނެވެ. މިފެރީ ސްޓޮޕްތަކަކީ ފެރީގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން މަޑުކުރުމަށް ހަދާފައި ހުންނަ ހިތްފަސޭހަ ސްޓޮޕްތަކެކެވެ. ހަޓްތަކެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ މި ސްޓޮޕްތައް ޤާއިމްކޮށްފައިވަނީ ތަފާތު ޚިދުމަތްތައް ލިބޭނެ ފެންވަރުގައެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފެންވަރުގެ ފެރީތަކެއްވެސްމެއެވެ.
މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. މި ޚިދުމަތާއިއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.
ކޮމެންޓު ފޮނުވާ