މަސައްކަތް ފެށިތާ އެތައް އަހަރެއްވެފައިވާ ސިފައިނާ ފުލުހުންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ، އެ އަގު ކުޑަކުރެވޭނެގޮތެއް ހޯދުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާސްކޮށްފިއެވެ.
"ސިފްކޯ" އަދި "ޕޮލްކޯ" އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއިން ކަމާ ގުލުންހުރި އިދާރާތަކާއި ބައްދަލުކުރުމަށްފަހު ފާސްކުރި ރިޕޯޓްގައި ސަރުކާރަށް ހުށައެޅުމަށް ނިންމެވި ކަންކަމުގެ ތެރޭގައި ވަނީ މާކެޓްގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާ ގުޅޭ ޕްލޭނެއް އެކުލަވާލުން މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ކޮމިޓީން ހުށައަޅަން ނިންމި ކަންކަމުގެ ތެރޭގައި، ފްލެޓް ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕޯސް ހޯލްތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމާއި، ޕޮލްކޯ އާއި ސިފްކޯއިން އެންމެ ފުރަތަމަ މަޝްރޫޢު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތުދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލުން ހިމެނއެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމާއި، މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ހުށައެޅުމަށް ކޮމިޓިން ވަނީ ނިންމާފައެވެ.
އެސްއޯއީ ކޮމިޓީން ރިޕޯޓް ފާސްކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއި ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ހޯއްދެވުމަށްފަހުއެވެ. އަދި އެ ފްލެޓްތަކަށް ކޮމިޓިގެ މެންބަރުން ޒިޔާރަތްކޮށް އެތަން ބައްލަވާލައްވާފައިވެއެވެ.
އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި 9 ވަރަކަށް އަހަރުވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ ފްލެޓްތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.
އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.
ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ