ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ފުރަތަމަ މަފަހަށް ސާރާ އަލީ ހާން އާއި ކާތިކް އާރިޔާން އެކުގައި ވަނީ ފެނިގެން ގޮސްފައިއެވެ.
އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެދެމީހުން އެކުގައި ކުޅުނު ފިލްމް "ލަވް އާޖް ކަލް 2″ ކުޅުނު ދުވަސް ވަރުގައިއެވެ.
މި ފިލްމް އަކީ މާ ކާމިޔާބު ފިލްމް އަކަށް ނުވި ނަމަވެސް ދެ ތަރިން ރައްޓެހިވެގެން އުޅުނީ ވަރަށް ސީރިއަސް ކޮށް ކަމަށް ހަބަރުތަށް އޭރުގައި ދިއައީ ބުނަމުންނެވެ.
ނަމަވެސް އެގުޅުމުގައި ފުލުސްޓޮޕް ޖެހުނީ ފިލްމް ރިލީޒް ކުރިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައިއެވެ. އަދި އެއަށް ފަހު އެމީހުން އެކުގައި ފެނިގެން ގޮސްފައިއެއް ނުވެއެވެ.
ނަމަވެސް އެދެމީހުން އެކުގައި މިފަހުން ވަނީ އިވެންޓަކުން ފެނިގެން ގޮސްފައިއެވެ. ދެމީހުންވެސް ކެމެރާގެ ކުރިމަށްޗަށް ހުޓި ވަނީ ފޮޓޯ ނަގައިފައިއެވެ. ނަމަވެސް ދެމީހުން އަލުން ބައްދަލު ވުމުން ދެމީހުންނަށް އުނދަގޫ ވެފައިވާކަން މޫނުމަތިން ވެސް އެގެއެވެ.
ދެ ތަރިންގެ މަސައްކަތްތަކަށް ބަލާއިރު ކާތިކްގެ އެންމެ ފަހުގެ ފިލްމު، "ބޫލް ބުލައްޔާ 2″ އަށް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ލިބިފަ އެވެ. ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ވިކީ ކޯޝަލްއާ އެކު "ލަކްޝްމަން އުތެކަރް" އިންނެވެ.