ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ އަސަރު ގައުމުތަކުގެ އިގްތިސާދަކުން ފެންނަމުންދާއިރު، މި އިގްތިސާދީ ދަތިކަމުގެ އަސަރު އެންމެ ބޮޑަށް ފެންނާނޭކަމަށް ބެލެވެމުން ދަނީ ދުނިޔޭގެ ކާބޮތަކެތީގެ މާރކެޓުންނެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޔޫކުރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތުގެ ކާބޯތަކެތި ސަޕްލައި ކުރުމުގައި ކުރިމަތިވެގެން ގޮސްފައިވާ ގޮންޖެހުންތަކާއި، އަދި ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމެވެ.
އަދި ޔޫކުރެއިންގެ ބައެއް ބަނދަރުތަކުން ކާބޯތަކެތި ސަޕްލައި ކުރުން ދަތިކޮށް، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ރަޝިއާއިން ހަކަތައާއި ގޮނދަނނުގެ ބާވަތްތަކުގެ ބޭނުން ކުރަމުން ދާތީއެވެ.
ރަޝިއާއި ޔޫކުރެއިންއަކީ، ދުނިޔޭގެ ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތީގެ ވަރަށް މުހިންމު ބާވަތްތައް ހައްދާ ދެގައުމެވެ. މިގޮތުން، ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ ވީޓް އާއި ބާރްލީގެ (ކުދިބަތާއި ގޮދަނނައިގެ ބާވަތްތައް) %30 ހިއްސާ ކުރަމުންދަނީ ރަޝިއާއާއި ޔޫކުރެއިންއިންނެވެ. އަދި މީގެ އިތުރުން، ދުނިޔެއަށް ސަޕްލައި ކުރާ ޒުވާރީގެ ފަސްބައިކޮށްފަ އެއްބައި ރަޝިއާއާއި ޔޫކުރެއިން ސަޕްލައި ކުރާއިރު، ދުނިޔޭގެ މާރކެޓްތަކަށް ސަޕްލައި ކުރަމުންދާ ސަން ފްލާވާރ އޮއިލްގެ %50 ސަޕްލައި ކުރަމުންދަނީވެސް މިދެގައުމުންނެވެ. އަދި ހަމަ އެއާއެކު، ރަޝިއާއި، އެގައުމުގެ އަވައްޓެރި ބެލަރޫސްއަކީ މުޅި ދުނިޔެއަށް ސަޕްލައިކުރަމުންދާ ފާރޓިލައިޒަރ (ގަސްކާނާ)ގެ ފަސްބައިކޮށްފަ އެއްބައިސަޕްލައި ކުރަމުންދާ ދެގައުމެވެ.
ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން (FAO)އިން، މި ހިނގާ އެޕްރިލްމަހުގެ 8ވަނަ ދުވަހު އާންމު ކޮށްފައިވާ އެޖަމިއްޔާގެ ތިންވަ ރެކޯޑް ފުޑް ޕްރައިސް އިންޑެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކާބޯތެކެތީގެ އަގުތައް، ފާއިތުވެދިޔަ އަހަރުގެ މި ދުވަސްކޮޅާއި އަޅާ ބަލާއިރު، މިހާރުވަނީ %34 މަތިވެގެން ގޮސްފައެވެ. އަދި މިއީ (FAO)އިން، ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ރެކޯޑްކޮށް ބަލަހައްޓަން ފެށިފަހުންވެސް، މި މިންވަރަށް އަގުތައް މަތިވެގެން ގޮސްފައިވާ ހަމައެކަނި ފަހަރުކަންވެސް އެޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން ރަޝިއާއި ބެލަރޫސްއަކީ ގިނަ އަދަދަކަށް ގަސްކާނާގެ ބާވަތްތައް އެކްސްޕޯޓު ކުރާ ދެގައުކަމަށް ވުމާއެކު، ގަސްކާނާގެ އަގުތައްވަނީ ދެގުނައަށް މިހާރު މަތިވެގެން ގޮސްފައެވެ. އަދި އެމެރިކާގަ ތަކެތީގެ އަގު (އިންޕްލޭޝަން) މިހާރު ހުރި މިންވަރަކީ ފާއިތުވި 40 އަހަރު ތެރޭގައިވެސް އެންމެ މަތީގައި ހުރި މިންވަރެވެ.
އެހެންކަމުން، މިހާރު ހިގަމުންދާ ޔޫކުރެއިން ހަނގުރާމައަކީ، ސީދާ ގޮތެއްގައި، ރަޝިއާއާއި ޔޫކުރެއިން އަދި ބެލަރޫސްވެސް މިހަގުރާމާގައި ބައިވެރިވަމުންދާ ހަގުރާމައަކަށް ވުމާއެކު، މި ގައުމުތަކުން ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ، ކާބޯތަކެއްޗާއި ގުޅުންހުރި ބާވަތްތަކުގެ ސަޕްލައިއަށް މިހާރުދަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަމުންނެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގަށް އައި ބަދަލު!
ރަޝިއާއަކީ، ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓުކުރާ ގައުމެވެ. އަދި އެގައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ގައުމުވެސްމެއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިތުރުންވެސް ކެނެޑާ ޖަޕާންފަދަ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ރަޝިއާއި ދެކޮޅަށް އަޅަންފެށި އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކުގެ އަސަރުތައް ދުނިޔޭގެ ތެލުގެ އިންޑްސްޓްރީން ދަނީ ވަރަށްވެސް ބޮޑަށް ފެންނަމުންނެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ކުރޫޑް އޮއިލް (ސާފު ނުކުރާ ތެޔޮ)ގެ އަގު މިހާރުވަނީ %60 އުފުލިގެން ގޮސްފައެވެ.
ޔޫކުރެއިން ހަނގުރާމަ ފެށުމާއި ހަމައަށް ރަޝިއާއަކީ މުޅި ޔޫރަޕް ބައްރުގެ %40 ހަކަތަ ސަޕްލައި ކޮށްދޭ ގައުމެވެ. އަދި ހަނގުރާމައަށް 3 މަސް ފާއިތުވެގެން ގޮސްފައުވާއިރު، ޔޫރަޕް ބައްރުން މިހާރުވަނީ ރަޝިއާއިން ހަކަތަ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން ދަށްކޮށް، މިއަހަރު ނިމިގެން ދާއިރު، ރަޝިއާގެ ގޭހާއި ތެލަށް ބަރޯސާވުން އެކީ ކަހަލަގޮތަކަށް ކުޑަކުރުމަށް ނިންމާފައެވެ.
އަދި، ގެއްލުން ބޮޑު މި ހަގުރާމައަށް ދެމަސް ފުރިގެންދާއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިވަނީ މިހާރު ހުރީ އެވްރެޖްކޮށް 110 އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި ރަޝިއާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕަށް ތެޔޮ އެތެރެކުރުން އެކީ ހުއްޓާލުން ހިމެނިފައި ވުމާއެކު، ދުނިޔޭގެ ބާޒާރުގައި ޔެތޮ ފީފާއެއްގެ އަގު، ފީފާއަކަށް 185 އަށް އުފުލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ޖޭޕީމޯރގަންއިން ވަނީ ލަފާ ކޮށްފައެވެ.
އިގްދިސާދީ ދަތިކަން ރާއްޖެއަށް! އަމާޒަކީ ޚަރަދުތައް ވަރަށް ބޮޑަށް ދަށްކުރުން!
ދުނިޔެއަށް އަންނަމުންދާ އިންފްލޭޝަންގެ ނުރައްކަލާއެކު، އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް މިވަނީ ތަކެތީގެ އަގުތައް އުފުލިގެންދާ ދިއުމުގެ ނުރައްކަލާ ކުރިމަތި ލާންފަށާފައެވެ.
މިގޮތުން، ކޯވިޑް ކާރިސާގައި ކުރާންޖެހޭ ޚަރަދުތައް ދެކޮޅު ޖެއްސުމަށް ސަރުކާރުން ނެގި ލޯންތަކާއެކު، ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާ، މިނިސްބަތް ޖީޑީޕީގެ ނިސްބަތުން 100 އިންސައްތަ ފަހަނަ އަޅާ ގޮސްފައި ވުމާއިއެކު، ރާއްޖެއަށް ކުރިމަތިވަމުންދާ ދަރަނީގެ މި ބޮޑެތި ގޮންޖެހުންތަކާއެކު، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދުން ފެންނަން ފަށާފައިވާ ކަމަށް ސަރުކާރުން ސާފު ބަހުން ހާމަ ކޮށްފައި ނުވިނަމަވެސް، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އެންގެވި އެންގެވުމުން، އިގްތިސާދީގޮތުން ކުރިމަތިވާން ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަރަށްވެސް ސާފުކޮށް ބުނެދޭކަމުގައި މިއަދު މިވަނީ ގަބޫލުކުރަން ޖެހިފައެވެ.
މިގޮތުން މިހްފަތާގެ ހޯމަ ދުވަހުން ފެށިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް، ފިނޭންސް މިނިސްޓަރ ސޮއިކުރައްވައި ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާއަކުން ވަނީ އަންގަވާފައެވެ.
މީގެ ތެރޭގައި، ދައުލަތުން ހަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒިފުންނަށް ދޭ ސްކޮލާޝިޕްތައް މިވަގުތު ނުފެށުމަށާއި ހިދުމަތް ހޯދުމުގައި ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ނޫނީ ނު ހޯދުމަށްވެސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އޮފީސްތަކުގެ މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށްވެސް ފިނޭންސް މިނިސްޓްރީންވަނީ ވަނީ އޮފީސްތަކަށް އަންވާފައެވެ.
ޚަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތައް:
– ދައުލަތުގެ ބަޖެޓުން ޚަރަދުވާ ގޮތަށް އެއްވެސް މަޤާމެއް ނޫފެއްދުން
– ޕޭކޮމިޝަންގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނައުން
– މުވައްޒިފުންނަށް ޕްރޮމޯޝަން ދިނުމާއި، މުސާރައިގެ ކުރިއެރުން އަންނަފަދަ އެއްވެސް ކަމެއް ނުކުރުން
– ބޭރުގެ ފަރާތްތަކުން ދެއްވާ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް މަޑުޖައްސާލުން
ޚަރަދުތައް ކުޑަކުރުން އަރަތަކަށް ވެގެން ނުވާނެ!
ފާއިތިވެދިޔަ އަހަރު ތަކެކޭ އެއްފަދައިން މިހަރުވެސް ފާހަގަ ވެގެން ގޮސްފައިވަނީ ދައުލަތުގެ ވެރީންގެ ދަތުރުފަތުރުތައް ގިނަ އަހަރެއްގެ ގޮތުގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދާދިފަހުން ހާމަވެގެން ގޮސްފައިވާ ގޮތުގައި ސަރުކާރުން މިއަހަރުގެ މިހާތަނަށް ކުރި ދަތުރުތަކަށް އެކަނިވެސް ބަޖެޓުން 80 މިލިޔަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ދަތުރުތަކަށް 82 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 47.9 މިލިއަން ރުފިޔާކަން ފާހަގަ ކޮށްލާން ޖެހެއެވެ. މިއަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ޖުމްލަ 203 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓުކޮށްފައިވެއެވެ.
އެހެންކަމުން މި ހިސާބުތަކަށް އެކަނި ބަލާލި ނަމަވެސް، ސަރުކާރުގެ އޮފިޝަލުން ބޭރު ގައުމުތަކަށް ކުރަމުންދާ، ޚަރަދު ބޮޑު ދަތުރުތައް ހުއްޓާލައިފިނަމަ، ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 121 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެކަން މިހިސާބުކުން ދައްކައެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުތަކުން އަރައިގަތުމަށް ސަރުކާރުން ޚަރަދު ކުޑަކުރުމަށް އޮފީސްތަކަށް އަންގާފައި ވާއިރު، ފިނޭންސް މިނިސްޓްރީގެ މި އެންގުމުންވެސް ސާފުވާން އޮތް އެކަމަކީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުން ފާހަގަވާން ހުރި އާދައިގެ ބައެއް ކަންކަމެވެ.
އޮފީސްތައް ރަސްމީ ގަޑިތަކަށްފަހު، ބަންދު ކުރުމާއި ކުރާންޖެހޭ މަރާމާތުތައް ހުއްޓާލުން ފަދަ ކަންކަމުންވެސް ޚަރަދުތަކެއް އަދި ކުޑަވެގެން ދިޔައެއް ކަމަކު، ޚަރަދު ކުޑަކުރުމަށް އަޅާންޖެހޭ ބޮޑެތި، އެހެންނަމަވެސް އުދަގޫ ފިޔަވަޅުތަކެއް ހުރިކަންވެސް ގަބޫލުކުރާން ޖެހެއެވެ.
ކުރީ ސަރުކާރުތަކެކޭ އެއްފަދައިން މި ސަރުކާރުގައިވެސް ސިޔާސީ މަގާމްތައް މަދުކުރުމުގެ އަމާޒަށް އޭގެ ޒާތުގައި ވާސިލް ވެވިގެން ގޮސްފައި ނުވާކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތީ ކުންފުނިތަކަށް މީހުން ވެއްދުމުގެ ސަގާފަތާއި، ބޮޑެތި ގެއްލުމުގައި ކުންފުނިތައް ހިންގުމެވެ.
މީގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތް ދެކުންފުންޏަކީ މަގުހެދުމަށް ޚާއްސަކޮށްގެ އުފައްދާފައި އާރުޑީސީއާއި، ދައުލަތުގެ އޭވިއޭޝަން ކުންފުނި އައިއޭއެސްއެވެ.
މިގޮތުން ސަރުކާރު ކުންފުނިތަކަކީ، ދައުލަތުގެ މާލިއްޔަތަށް މިގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް އެހީތެރިވެދޭ މުހިންމު މުވައްސަސާތަކަށް ވާއިރު، ކުންފުނިތަކުގެ ހިންގުމާއި، ކުންފުނިތަކުގެ ވަސީލަތްތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށްޓަކާ ކުންފުނިތަކުގެ މެނޭޖްމަންޓްތަކަށް އެކަށިގެންވާ ހެޔޮ ބަދަލު ގެންނާން އެބަޖެހެއެވެ.
ފަންކާއެއް ނިއްވާލުމާއި، އަވަހަށް ބޮކިތައް ނިއްވާލުމާއި ކުދިކުދި މަރާމާތު ކުރުން ހުއްޓާލުމަށް އަމާޒު ހިފުމުގެ ބަދަލުގައި، ސިޔާސަތުތައް ބޮޑެތި ބަދަލު ނުގެނެސް، ހިންގުމާއި އޮޕަރޭޝަނަލް ލެވެލްގައި ހިގާ ބޮޑެތި އިސްރާފް ކުރުންތަކަށް ހުއްޓުމެއް ނުގެނެވިއްޖެ ނަމަ، ޚަތަދުތައް ކުޑަކުރުމުގެ ވާހަކައަކީ މާޒީއެކޭ އެއްފަދައިން އަރަތަކަށް ވެގެން ދިއުމަކީ ވަރަށްވެސް ގާތުގައި އޮތް ކަމެކެވެ.