އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕެޝިންޔާ އަވަހާރަ ކޮށްލުމަށް ރާވަމުންދިޔަ ރޭވުން ނާކާމިޔާބު ކޮށްލާ، މިހަމަލާ ރާވަމުން ދިޔަ ފަރާތްތައް ހައްޔަރު ކުރެވިފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް)ގެ ފަރާތުން ހާމަ ކޮށްފިއެވެ.
އެންއެސްއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ އެއިދާރާގެ ކުރީގެ އިސް އޮފިޝަލުންތަކެކެވެ.
މިހަފްތާގެ އަންގާރަދުވަހުން ފެށިގެން އަރުމާނިއާގެ އެތައް ހާސް ރައްޔިޔުންނެއް ވަނީ، އަރުމީނިއާއިން އެގައުމުގެ ސަރައްހައްދެއްގެ ގޮތުގައި ވަކާލާތު ކުރަމުންދާ ނަގޯނޯ-ކަރުބާކުގެ މިނިވަންކަމުގެ މައްސަލާގައި ކުރެވެމުން ދިޔަ ހަގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއި ދެކޮޅު ހެދުމުގެ ގޮތުން ޕެޝިންޔާއާއި ދެކޮޅަށް މުޒާހިރާ ކޮށްފައެވެ. އަދި މިފަރާތްތަކުން ވަނީ ބޮޑުވަޒީރު ޕެޝިންޔާ އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ. މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން އާޒަރުބައިޖާނަށް ވަނީ ކަރުބާކުގެ ބައެއް ސަރަހައްދުތައް ލިބިފައެވެ.
އަރުމީނިއާގެ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއިދާރާގެ ކުރީގެ އިސް އޮފިޝަލުން ކަމުގައިވާ، އެއިދާރާގެ ކުރީގެ ވެރިޔާ އަރުތޫރު ބަނެޓްސްޔާންއާއި، އަދި ކުރީގެ ރިޕަބްލިކަން ޕާޓީގެ ޕާލަމެންޓްރީ ފެކްޝަންގެ ވެރިޔާ ވަހްރަމް ބަޢުދަސަރްޔާންއާއި ހަގުރާމައިގެ ވޮލަންޓިއަރެއް ކަމުގައިވާ އަޝޮޓް މިނަސްޔާން މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
"ހައްޔަރު ކުރެވުނު ފަރާތްތަކުން ގެންދިޔައީ ބަޑުވަޒީރު އަވަހާރަަ ކޮށްލުމަށްފަހު، ވެރިކަން ފުރޮޅާލުމަށް ރާވަމުން. އަދި ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަން ކުރާނެ ފަރާތަކާއި ބެހޭގޮތުން މި ފަރާތްތަކުން މަޝްވަރާވެސް ކޮށްފައިވޭ" ނޭޝަނަލް ސެކިއުރީ ސާވިސްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އަރުމީނިޔާގެ ބޮޑުވަޒީރު އަވަހާރަކޮށްލުމަށް މަސައްކަތް ކޮށްފައިވާއިރު، މި ހަފްތާގެ ކުރީކޮޅު ބޮޑުވަޒީރު ޕެޝިންޔާ ވިދާޅުވެފައވަނީ 3 މަސްވަންދެން މެދުނުކެޑި ހަގުރާމަ ހިގަމުންދާ ނަގޯނޯ-ކަރުބާކުގެ މައްސަލާގައި ރަޝިޔާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް އެއްބަސްވާން މަޖުބޫރު ވެވަޑައިގަތީ އާޒަރުބައިޖާންގެ ބާރުގެ ދަށަށް ކަރުބާކުގެ އިތުރު ސަރަހައްދުތައް ދިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ މިހަގުރާމައިގައި މިހާތަނަށް ލިބުނު ނާކާމިޔާބީގެ ޒިންމާ އަމިއްލަފުޅަށް އުފުއްލަވާ ކަމަށާއި، އެހެންނަމަވެސް އިސްތިއުފާ ނުދެއްވާނެކަމަށެވެ.
ރަޝިޔާއިން އިސްވެ ހުށަހެޅި މިސުލްހައިގެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، އާޒަރުބައިޖާންގެ ސަރަހައްދެއްގެ ގޮތުގައި ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ، އެހެންނަމަވެސް އަރުމީނިޔާ ދަރިކޮޅުގެ ރައްޔިތުން ދިރިއުޅެމުން އަންނަ މިސަރަހައްދުގައި ހިގަމުންއައި ހަގުރާމަ މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ.
ހޮނިހިރު ދުވަހު ނަގޯނޯ-ކަރުބާކުގެ ބައެއް ވިލެޖްތަކުގައި ދިރިއުޅެމުންދިޔަ އެގައުމުގެ ރައްޔިތުން ވަނީ، ސުލްހައިގެ އެއްބަސްވުމުގައި ވާގޮތުން އާޒަރުބައިޖާން އާއި ހަވާލުކުރާގޮތަށް ހަމަޖެހިފައިވާ އެސަރައްހައްދުތައް ދޫކޮށް އަރުމީނިއާއަށް ހިޖުރަކުރުމުގެ ކުރިން ވިލެޖްކުގައި އެމީހުން ދިރިއުޅެމުންދޔަަ ގެތަކުގައި ރޯކޮށްލާފައެވެ.
މި އެއްބަސްވުމުގައި ވާގޮތުގެމަތިން، ރަޝިޔާގެ 2000 އަށްވުރެ ގިނަ ސިފައިން މިސަހައްދުތަކުގައި ސުލްހަ ބެލެހެއްޓުމުގެ ގޮތުން ހަރަކާތްތެރި ވަމުންދާނެއެވެ.
1990 އަހަރުން ފެށިގެން ނަގޯނޯ-ކަރުބާކުއާއި އަދި މި ސަރަހައްދުގެ ވަށައިގެންވާ ސްވޭތްސް އޮފް އަޒޭރި ސަރަހައްދުގެވެސް ބޮޑު ބައެއްގެ އޮތީ ކަރުބާކުގައި ދިރިއުޅޭ ހަގުރާމަވެރި އަރުމީނިއާ ދަރިކޮޅުގެ މީހުންގެ ބާރުގެ ދަށުގައެވެ. އެހެންނަމަވެސް، މިހަގުރާމައިގައި ކަރުބާކުގައި ދިރިއުޅެމުންދިޔަ އަރުމީނިއާ ދަރިކޮޅުގެ ހަގުރާމަވެރިންނަށް މިހާރުވަނީ ކަރުބާކުގެ އިތުރުން ވަށައިގެންވާ ސަރަހަދުގެވެސް ބޮޑުބައެއް ގެއްލިގެން ގޮސްފައެވެ.
އާދީއްތަ ދުވަހު އަރުމީނިއާއިން ހާމަކޮށްފައިވާ ގޮތުގައި މިހަގުރާމާގައި މިހާތަނަށް އައިއިރު އެގައުމުގެ 2317 ސިފައިން ވަނީ މަރުވެފައެވެ. އަދި ކަރުބާކުގެ އެތައްބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. އާޒަރުބައިޖާނުން މިހާތަނަށް އައިއިރު ލިބުނު ގެއްލުންތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ