ބާ އިމްތިހާން ފުރިހަމަކުރަންޖެހޭ ގާނޫނީ ދާއިރާގެ ދަރިވަރުން އެދުނު ގޮތަށް، ބާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އެ އިމްތިހާން ބޭއްވުން ފަސްކޮށްދެވެން އޮތް ނަމަ އެކަން ކޮށްދިނުމަށް ބާ ކައުންސިލުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އިމްތިހާނުގެ ތާރީހު ފަސްކޮށްދޭން އެދެން ނިންމުމުގެ ކުރީން ޖުޑީޝަރީ ކޮމެޓީން ވަނީ އިއްޔެ ވަނީ އިމްތިހާނުގައި ބައިވެރިވާ ބައެއް ދަރިވަރުންނާއި އަދި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އިމްތިހާނުގައި ބައިވެރިވާން ހުޅުވާލުމުން ބައިވެރިވެފައިވަނީވެސް މަދު އަދަދެއްގެ ބައެކެވެ. ހާހަކަށް ވުރެ ގިނަ މީހުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް ބައިވެރިވީ 200އެއްހާ މީހުންނެވެ.
ބާ އިމްތިހާނު ބޭއްވުމުގައި ބާ ކައުންސިލުން ގެންގުޅޭ ސިޔާސަތުތަކާ މެދު ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާރުގެ އެކްސްކޯއިން ބާ އިމްތިހާނަށް ކަނޑައެޅި ފީ މާ ބޮޑު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެއެވެ. އަދި ދަރިވަރުންތަކެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކޮށް، ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފައެވެ.
ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ނުރަސްމީކޮށް ވެސް މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެއަށްފަހު، ކޮމިޓީއަށް ފާހަގަކުރެވުނު ކަންބޮޑުވުންތައް ބާ ކައުންސިލާ ހިއްސާކޮށް، އެ ކައުންސިލަށް ލިޔަން މެމްބަރުން ވަނީ އިއްތިފާގުވެފައެވެ. ކޮމިޓީގެ ކަންބޮޑުވުންތަކަކީ ދަރިވަރުންގެ ކަންބޮޑުވުންތަކެވެ.
ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފީ އަކީ 10،000 ރުފިޔާއެވެ. އިމްތިހާނުގައި ބައިވެރިވި މީހުންގެ އަދަދު މަދުވީ ފީ އަގޮބޮޑުވުމުގެ ސަބަބުންނެވެ. އެހެން ކަމުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ވަނީ އިމްތިހާނު ބޭއްވުމަށް މިހާރު ނިންމާފައިވާ ތާރީހު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދެން ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ