ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިސްޓަރ މާރިޔާގެ ތާއީދު ރައީސް ޞާލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޞާލިހު އިންތިޚާބުވުމަށްފަހު އަދާއި ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަރޝިޕް ކޮލިޓީއާއި ޤައުމު ހިންގުމުގެ ގާބިލްކަން ދައްކަވާފައިކަމަށެވެ.
ރައީސް ޞާލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއެކު މަސައްކަތްކޮށް، ޤައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޤައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
މާރިޔާގެ ވާހަތަކަށް ރައްދު ދެއްވަމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެެވެ. މުއިއްޒު ވަނީ ހެލްތު މިނިސްޓަރ ނަސީމް ރައީސް ޞާލިހަށް ތާއީދު ކުރައްވަން ނިންމުމުންވެސް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭއްންޖެހޭ ސަބަބެއް ނެތްކަމަސް ވިދާޅުވެފައެވެ.
ވެރިކަމުގެ ދެވަނަ ދައުރެއް ދޭކަށް ނުފެނޭ. ނުފެނޭ ދޭންޖެހޭ ސަބަބެއް.
– މުއިއްޒު ވިދާޅުވިއެވެ.
ރައީސްއަށް ތާއީދު ކުރައްވާކަން ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ވަޒީރުންގެވެސް ދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީއާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.