އިގުތިސޯދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ އަވައްޓެރި ސްރީލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ އަރަބިއްޔާ ވަލީއުލް އަހުދު މުހައްމަދުގެ އަރިހުން އެދިވަޑައިގަތުމުން އެކަމަށް އިޖާބަ ނުދިން ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެކަން ޤަބޫލުފުޅުކުރައްވައި ސްރީލަންކާއިން ރައީސް ނަޝީދާ އެމަސައްކަތް ހަވާލު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މިހާތަނަށް ނަޝީދުގެ މަސއްކަތުން ލަންކާއަށް މާބޮޑު މާލީ މަންފާތަކެއް ކޮށްފައި ނުވެއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑރ. ހަރްޝާ ޑި ސިލްވާ އެގައުމުގެ ނޫސްވެރިންނަށް ވިދާޅުވީ، ލަންކާއަށް އެހީތެރިވެ ދިނުމަށް ސައުދީގެ ވަލީއުލް އަހުދުގެ އަރިހުން އެދިވަޑައިގެންނެވި ކަން ނަޝީދު ހިއްސާކުރެއްވި ކަމަށެވެ. ނަމަވެސް، ލަންކާއިން ހަރުދަނާ ޕްލޭންތަކެއް ނުގެންގުޅޭ ކަމަށް ވިދާޅުވެ، ނަޝީދުގެ އެ އެދިވަޑައިގަތުމަށް މުހައްމަދު އިޖާބަ ނުދެއްވި ކަމަށް ޑރ. ހަރްޝާ ވިދާޅުވިއެވެ.
ބިން ސަލްމާން އެއްސެވީ އިޤްތިސާދީ ކާރިސާއިން އަރައިގަތުމަށް ލަންކާގެ އެއްވެސް ރަނގަޅު ޕްލޭނެއް އެބައޮތްތޯ. އެފަދަ ޕްލޭނެއް ނެތި ދެން އެކަމާއި ގުޅޭގޮތުން ފޯނު ނުކުރެއްވުމަށް މުހައްމަދު ބިން ސަލްމާން ނަޝީދު ގާތު ވިދާޅުވި.
– ނަޝީދުގެ މަސައްކަތާއި ގުޅޭގޮތުން ޑރ.ޑިސިލްވާ ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއަށްވެސް ރައީސް ނަޝީދު ފޯނުކުރެއްވި ކަމަށާއި، ނަމަވެސް ޔޫއޭއީ އިން އެހީތެރިވާން ވިސްނާނީ ލަންކާގައި ހުރި ވިއްކޭނެ ހަރު މުދަލުގެ ލިސްޓެއް ފޮނުވުމުން ކަމަށް ޝައިހް މުހައްމަދު ބިން ރާޝިދު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށް ޑރ.ޑިސިލްވާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ދެ ގައުމުން ނަޝީދުގެ އެދިވަޑައިގަތުމަށް އެދެވޭ އިޖާބައެއް ދީފައިނުވާއިރު، އެމަނިކުފާނު މެދުވެރިގެން ލަންކާއަށް ބޭރުގެ އެހީއެއް ހޯދައި ދެއްވުނު ކަމެއް އަދި އެނގޭކަށް ނެތެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.
ކޯވިޑް-19ގެ ސަބަބުން ސުރީލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއާއެކު އެ ޤައުމަށް ބޭނުންވާއި ގޭހާއި ތެލާއި ކާބޯތަކެއްޗާއި ބޭސް ގަތުމަށް ބޭރުގެ އިދާރާތަކާއި ޤައުމުތަކުގެ މާލީ އެހީތެރިކަމަށް އެދުމަށްވަނީ މަޖުބޫރުވެފައެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އަދި އެ މަޤާމަށް ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަން ކުރައްވާފައެވެ.