ދިވެރިރާއްޖޭގެ ދަރަނީގެ ވާހަކަތައް އަބަދުވެސް ވެގެން ގޮސްގައިވަނީ ސިޔާސީ ފަރާތްތަކުގެ މެދުގައި އެންމެ މަޝްހޫރު އެއް ވާހަކަ ކަމުގައެވެ. އަދި އަބަދުވެސް އޭރަކު އޮންނަ އިދިކޮޅު ޕާޓީއަކުން ކުރާ ޝަކުވާއަކީ، ނުވަތަ އަނބުރާ ސިޔާސީ "ގޭސް ގަޑަކަށް" ވެގެން ގޮސްފައި އޮންނަނީ އޭރަކު އޮންނަ ސަރުކާރަކުން އެއެއް މިއެއް ބަލާލުމެއް ނެތި ދަރަނި ނަގަމުން ދާކަމުގެ ޝަކުވާތަކާއި، ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެގެން ދާކަމުގެ ވާހަކަތަކެވެ.
މިގޮތުން ރައީސް ޔާމިންގެ ދައުރުގައި އޭރުގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވަނީ ބޭރުގެ ގައުމުތަކުންނާއި ބޭންކުތަކުން، ވަކީން ޚާއްސަކޮށް ޗައިނާ ސަރުކާރުގެ އެހީގައި ނެގި ބޮޑެތި ލޯންތައް ނަގައިގެންނެވެ. މީގެ ތެރޭގައި ސިނަމާލެ ބުރިޖާއި، ހުޅުމާލޭގެ ދެވަނަ ފޭސް ތަރައްގީ ކުރުމަށް ހިންގުނު މަޝްރޫޢުތަކާއި، ހިޔާ ފްލެޓްގެ ބޮޑު މަޝްރޫއާއި އަދި އޭގެ އިތުރުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތްވެސް ހިމެނެއެވެ.
ތަރައްގީގެ މި ބޮޑެތި މަޝްރޫއުތައް އޭރުގެ ސަރުކާރުން ބޮޑެތި ލޯނުތަކަށް ބަރޯސާކޮށްގެން ހިންގުމުގެ ނަތީޖައެއްގެ ގޮތުން ރައީސް ޔާމިންގެ 5 އަހަރުގެ ދައުރު ނިމިގެން ދިޔައިރު، އެ ސަރުކާރުން، ސޯވެރިންގ ގެރެންޓީވެސް ހިމަނައިގެން ވަނީ 39 ބިލިއަން ރުފިޔާގެ ލޯން ނަގާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެހާތަނާއި ހަމައަށް، ރައީސް ޔާމިންގެ ރިޔާސީ ދައުރު ނިމިގެން ދިޔައިރު، ދައުލަތުގެ ދަރަނި ހުރެފައިވާ މިންގަޑަކީ 62 ބިލިއަން ރުފިޔާއެވެ.
އެހެންނަމަވެސް، އޭރުގެ ސަރުކާރުން ނަމަގަމުން އައި ދަރަނި މައިގަޑު ގޮތެއްގައި ޗައިނާއަށް ބަރޯސާވެ، އަދި ތަރައްގީގެ ގިނަ މަޝްރޫޢުތައް ލޯންތަކަށް ބަރޯސާކޮށްގެން ހިންގަމުން ދިޔަ ދިއުމުގެ ނަތީޖާއެއްގެ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލާފައިވަނީ ދަރަނި ބޮޑުވެ، ދަރަނިވެރިވެ، ގައުމު ބަގުރޫޓުވުމާއި ދިމާލަށް ދަތުރު ކޮށްފައި ވާކަމަށް ވިދާޅުވެއެވެ.
އެހެންނަމަވެސް، އޭގެ ފަހުން އައި ރިޔާސީ އިންތިޚާބިގައި ޕީޕީއެމް ބަލިވެ، ސަރުކާރު ބަދަލުވެ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކުރިމަތިލާން ޖެހުނު ކޯވިޑްގެ އާލަމީ ވަބާއާއިއެކު ރައީސް ސާލިހުގެ ސަރުކާރަށްވެސް މަޖުބޫރުވީ، ތަރައްގީގެ މަޝްރޫޢުތަކުގެ އިތުރުން ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކާވެސް ލޯނުތަކަށް ބަރޯސާ ކޮށްގެން ދައުލަތުގެ އެންމެހާ ޚަރަދުތަކެއް ދެކޮޅު ޖެއްސުމަށެވެ.
މިގޮތުން މިހާތަނަށް މުޅި ދައުލަތުން ނަގާފައިވާ ދަރަނި މިވަނީ 99 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދަރަނި ރީ ސްޓްރަކްޗަރ ކުރާކަށް ނުޖެހޭ، ދަރަންޏަކީ ދަންތުރައެއްވެސް ނޫން!
މިސަރުކާރު ވެރިކަމަށް އައުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ އެންމެ ބޮޑު ޝަކުވާއަކީ ކުރީގެ ސަރުކާރުން ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ބޮޑެތި ލޯންތަކާއި ދައުލަތުން ދީފައިވާ ސޯވެރިންގ ގެރެންޓީއެވެ.
އަދި މި ދަރަނި މިއީ ރާއްޖެއަށް އޮތް ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ސިފަކޮށް އެތައް ފަހަރެއްގެ މަތީން ދަރަނި ރީ ސްޓްރަކްޗަރ (އަލުން މުރާޖައާ) ކުރުމަށް ނަޝީދުވަނީ ޗައިނާ ސަރުކާރަށް ގޮވާލައްވާފައެވެ.
އަދި ރައްޔިތުންގެ މަޖިލިހުންވަނީ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ޤައުމުތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް، 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު އެ މަޖިލީހުގެ މެމްބަރުން އަޢުލަބިއްޔަތުން ފާސްވެސް ކޮށްފައެވެ.
ދައުލަތުގެ ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފި
އަދި މީގެ އިތުރުން 2020 ވަނަ އަހަރު ނަޝީދު ވިދާޅުވެފައިވަނީ، އަޅުގަނޑުމެން ދިވެހިން މާމަގެ ފައްޓަރުބައި ވިއްކާލިޔަސް ޗައިނާއަށް ދަރާފައިވާ ދަރަނި ނުދެއްކޭނެ ކަމުގައެވެ. އަދި އޭރު ނަޝީދު ވިދާޅުވެފައި ވަނީ ބޭރުގެ ދަރަނިތައް އަލުން ބަލައި މުރާޖާކުރެވިއްޖެނަމަ ރާއްޖެ ބަގުރޫޓް ނުވާނެކަމަށް ކަމަށާއި، ވަކީން ޚާއްސަކޮށް ނިމިދިޔަ ސަރުކާރުން ޗައިނާގެ ވިޔަފާރިތަކުންނާއި، ޗައިނާ ސަރުކާރުން ނަގާފައިވާ ދަރަނިތައް އަލުން މުރާޖާ ކުރިޔަސް ރާއްޖެ ބަގުރޫޓް ވެެގެން ނުދާނެ ކަމުގައެވެ.
Discussing 2021 budget in Majlis today. 🇲🇻 debt repayments next year will amount to 53% of government revenue. Over 80% of debt repayments will go to China. Totally unaffordable. Even if we sell our grandmother’s jewelry, we won’t be able to afford these repayments. pic.twitter.com/Vc2v8n2Kov
— Mohamed Nasheed (@MohamedNasheed) November 18, 2020
މިއީ އެއްގޮތަކަށްވެސް އެފޯޑް ކުރެވޭނެ މިންވަރެއް ނޫން. އަޅުގަނޑުމެން މާމަގެ ފައްޓަރުބައި ވިއްކާލިޔަސް މި ދަރަނި އަދާކުރުމަކީ ވާވަރުގެ ކަމެއް ނޫން.
ނަޝީދު ވިދާޅުވެފައި ވެއެވެ.
ކޮންމެއަކަށް، ފާއިތުވެދިޔަ ތަނުގައި ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެ، އަދި ވޭތުވެދޔަ ސަރުކާރުން ނަގާފައިވާ ޗައިނާގެ ދަރަންޏަކީ ރާއްޖެއަށް އޮތް ދަރަނީގެ ބޮޑު ދަންތުރައެއްގެ ގޮތުގައި މިސަރުކާރުގެ ސިޔާސީ އިސް ބައެއް ފަރާތްތަކުން މިހާތަނަށް ދައްކަވަމުން ގެންދަވާފައިވާ ވާހަކަތަކަށް، މިހާތަނަށް އެންމެ ފުރިހަމަ ރައްދެއް ދެއްވާފައިވަނީވެސް މިހާރުގެ ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ކަމުގައި މިއަދު މިވަނީ ދަންނަވަން މަޖުބޫރު ވެފައެވެ.
އިއްޔެ ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި، ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ސުވާލަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމުގައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ހާމަ ކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުން އަންޑަލައިން އެސެޓް މޯގޭޖުކޮށްގެން ލޯނުތައް ނަގައިފައި ހުއްޓަސް، ދިވެހި ސަރުކާރުން މިހާތަނަށް އެގޮތަށް އެއްވެސް ލޯނެއް ނަގާފައި ނެތްކަމުގައެވެ. އަދި އޭނާ ވިދާޅުވެފައި ވާގޮތުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ސަރުކާރުން ގެންގުޅެމުން އައިސްފައި އޮތް އުސޫލަކީ މިއީއެވެ.
އެހެންކަމުން، ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމިޓީގައި ދައްކަވާފައިވާ ވާހަކަ ފުޅުތަކަށް ބަލާއިރު، މިސަރުކާރެކޭ އެއްފަދައިން، ރައީސް ޔާމިންގެ ސަރުކާރުންވެސް ގައުމުގެ އެސެޓްތައް ގުރުބާން ކޮށްގެން ބޭރުގެ ގައުމުތަކުންނާއި، ބޭންކުތަކުންނާއި އަދި ޖަމިއްޔާ ޖަމާއަތްތަކުންވެސް ލޯނު ނަގާފައި ނުވާކަން ވަނީ ސާފު ވެގެން ގޮސްފައެވެ. އަދި މިއީ ކުރީ ސަރުކާރުން ޗައިނާ ސަރުކާރާއި ބޭންކުތަކުން ނަގާފައިވާ ނޯލުތަކާއި ގުޅޭގޮތުން މިސަރުކާރުގެ ވަޒީރަކު މިހާ ސާފު އިބާރާތުން ވާހަކަ ދެއްކެވި ފުރަތަަ ފަހަރުކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ލޯންތަކުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް!
ފައިތުވެދިޔަ ތަނުގައި، ހުރިހާ ރިޔާސީ އިންތިޚާބެއްގައި އެންމެ އަޑު ހަރުކޮށް ސިޔާސީ ފަރާތްތަކުން ދައްކަމުން އައިސްފައިވާ ވާހަކައަކީ ދައުލަތުގެ ދަރަނީގެ ވާހަކަތަކެވެ.
މިގޮތުން ފާއިތުވެދިޔަ 2018ގެ ރިޔާސީ އިންތިޚާބު ގާތްވެގެން ދިޔައިރު އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ އަޑުހަރުކޮށް ދައްކަމުން ގޮސްފައިވާ އެއްވާހަކައަކީވެސް ޗައިނާގެ ލޯންތަކުގެ ވާހަހަކައެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެ، ގައުމު ބަގުރޫޓު ވެފައިވާކަމުގެ ވާހަކަތަކެވެ.
އަދި ވަކީން ޚާއްސަކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފާއިތުވެދިޔަ ތަނުގައި އެންމެ އަޑު ހަރުކޮށް ދައްކަވާފައިވާ ވާހަކައަކީ، ޗައިނާއަށް ދިވެހި ސަރުކާރުން ދައްކަން ޖެހިފައިވާ ދަރަނީގެ ވާހަކަތަކެވެ. ޗައިނާގެ ދަރަންޏަކީ ދަންތުރައެއް ކަމުގައި ވިދާޅުވެ ނަޝީދުވަނީ ބޭރުގެ މީޑީއާތަކަށްވެސް އިންޓަވިއު ދެއްވާފައެވެ.
އަދި އެތައް ފަހަރެއްގެމަތިން ނަޝީދު ވަނީ ޗައިނާގެ ދަރަނި ރީ ސްޓްރަކްޗަރ (އަލުން މުރާޖައާ) ކުރުމަށްވެސް ގޮވާލައްވާފައެވެ.
އެހެންނަމަވެސް، ދައުލަތު ދަރަންޏާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަރު ކޮމިޓީއަށް ދެއްވާފައިވާ ޖަވާބުތަކުން ހާމަވެގެންދިޔަ އެއް ހަގީގަތަކީ، ވަކީން ޚާއްސަކޮށް ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ފާއިތުވެދިޔަ ތަނުގައި ސިޔާސީ އިސްބޭފުޅުން ދައްކަވާފައިވަނީ ހަގީގީ ވާހަކަތަކެއް ނޫންކަމެވެ. ޔަގީން ވެގެން ދިޔަކަމަކީ، ޗައިނާގެ ދަރަނި އަދާ ކުރުމަށް މާމަގެ ފައްޓަރުބައި ވިއްކާލަން ނުޖެހޭނެ ކަމެވެ.
އަދި ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުން ސާފުވެގެންދިޔަ ހަގީގަތަކީ، ޗައިނާގެ ދަރަންޏަކީ ދަންތުރައެއް ކަމުގައި ވިދާޅުވެ، ސިޔާސީ އިސް ބައެއް ފަރާތްތަކުން މިހާތަނަށް ދައްކާވާފައިވާ ހުރިހާ ވާހަކަފުޅަކީވެސް ހަގީގަތާއި ޚިލާފު، ސިޔާސީ މަގުސަދުގައި ދައްކަވާފައިވާ ވާހަކަތައް ކަމެވެ.