މިއަހަރުގެ ހައްޖު ޚުތުބާގެ ތަރުޖަމާ އެއްވަގުތެއްގައި 10 ބަހަކުން ގެނެސްދޭނެކަން ސައުދީ އަރަބިއާއިން ހާމަ ކޮށްފިއެވެ.
ސައުދީ އަރަބިއާއިން ހާމަ ކޮށްފައިވާ ގޮތުގައި މިފަހަރުގެ ޙައްޖު ޚުތުބާގެ ތަރުޖަމާ އެއް ވަގުތެއްގައި ގެނެސް ދިނުމަށް ހަމަޖެހިފައިވާ ބަސްތަކަކީ އިނގިރޭސިބަހުގެ އިތުރުން، މެލޭ ބަހާއި، އުރުދޫ ބަހުންނާއި، ޕާޝިއަން ބަހުންނާއި، ފެރެންޗް ބަހުންނާއި، ޗައިނީސް ބަހުންނާއި، ޓާރކިޝް ބަހުންނާއި، ރަޝިއަން ބަހުންނާއި، ހައުސާ ބަހުގެ އިތުރުން ބެންގާލީ ބަހުންނެވެ.
ސައުދީ އަރަބިއާއިން މިބަސްތަކުގެ ތަރުޖަމާއިން ހައްޖު ޚުތުބާ ގެނެސްދޭއިރު، ކޮންމެ އަހަރެއްގައިވެސް ހައްޖު ޚުތުބާގެ ތަރުޖަމާ ދިވެހިބަހުން ރާއްޖޭގެ މީޑިއާތަކުންވެސް ދަނީ ގެނެސް ދެމުންނެވެ.
ކޯވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށް އަޅާފައި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ހައްޖުވުމުގެ ފުރުސަތު ދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި އޮންނަތާ 2 އަހަރަށްފަހު، މިފަހަރު 1 މިލިއަން މުސްލިމުންނަށް ހައްޖުވުމުގެ ފުރުސަތު ދޭނެކަން ސައުދީ އަރަބިއާއިން ވަނީ ހާމަ ކޮށްފައެވެ.
ސައުދީ އަރަބިއާގެ ހައްޖު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއާއިންނާއި ދުނިޔޭގެ އެހެން ގައުމުތަކުން ޖުމްލަ 1 މިލިއަން މުސްލިމުންނަށް، ހައްޖު ވުމަށް އެގައުމަށް ސައުދީދަތުރު ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަމުގައެވެ.
ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ދީނީ އެއްވުން ކަމުގައިވާ ހައްޖުގެ އަޅުކަމަށް، ކޯވިޑްގެ އާލަމީ ވަބާގެ ކުރިން، 2019ވަނަ އަހަރު 2.5 މިލިއަން މުސްލިމުން ސައުދީ އަރަބިއާއަށް ދަތުރު ކޮށްފައި ވެއެވެ.
އެހެންނަމަވެސް، 2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެއަށް އާންމު ވެގެންދިޔަ ކޯވިޑްގެ ކާރިސާއަށްފަހު، 2020ވަނަ އަހަރު ސައުދީ އަރަބިއާއިން ހައްޖު ވުމުގެ ފުރުސަދު ދީފައިވަނީ އެންމެ 1،000 މީހުންނަށެވެ. އަދި ޖެހިގެން އައިއަހަރު، ސައުދީ އަރަބިއާއިން ވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ 60،000 މީހުންނަށް މިއަދަދު އިތުރު ކޮށްފައެވެ.
ސައުދީ އަރަބިއާއިން ބުނެފައިވަނީ މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބިގެން ދާނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ، އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަނި ކަމުގައެވެ. އަދި ހައްޖުވުމަށް ސައުދީ އަރަބިއާއަށް ދަތުރުކުރާ އެންމެންވެސް، ދަތުރަށް ފެށުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެއެވެ.