ބޮމުގެ ހަމަލާ: ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެއްޖެ

ބޮމުގެ ހަމަލާ: ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެއްޖެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލަތަކުން ތަނާޒުލް ވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ގާޒީ އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލުވާން ނިންމެވީ ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މ. ކުދެހިގެ އިސްހާގުގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. މީގެ ފަސް އަހަރު ކުރިން އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޔާމީނަށް ފާރަލައި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މ.ކުދެހިގެ ހަސަން ޝިފާޒްގެ މައްޗަށް ކުރިއެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

އިސްހާގުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޝިފާޒަކީ އިސްހާގުގެ ދަރީގެ ބޮޑުބޭބެ އެވެ. އަދި ބްލޮގަރު ޔާމީންގެ މަރުގެ މައްސަލައިގައި އިސްހާގުގެ ދަރިއަކު ވަނީ ގާޒީ އާދަމް މުހައްމަދަށާއި އޭނާގެ އަނބިކަނބަލުންނަށް ބިރުދައްކައި މަރުގެ އިންޒާރު ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އިސްހާގު މި ސިޓީ ފޮނުވުމުގެ ކުރިން މިއީ މައްސަލަ ބައްލަވާ ބެންޗުގެ އެއްވެސް ގާޒީއަކަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޓީއާ ގުޅިގެން މި މައްސަލައިން ތަނާޒުލުވެ ވަޑައިގަތުމަށް ނިންމެވީ ކަމަށް ވިދާޅުވެފައިވެއެވެ.

އެއަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީއެވެ. އާ ގާޒީއަކު މައްސަލައަށް އައްޔަނުކުރުމަށްފަހު އަޑުއެހުން ތާވަލުކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދެން މި މައްސަލައިގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ