ސިޔާސީ މަޝްވަރާގެ މޭޒުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސެއް ނުފެނުނު: ވައްޑެ

ސިޔާސީ މަޝްވަރާގެ މޭޒުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސެއް ނުފެނުނު: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 10:48
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއިއެކު ބޭއްވި ބައްދަލުވުމުގައި ކޮރަޕްޝަންގެ ޒީރޯ ޓޮލަރެންސް ނުފެނުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުއާއި ގާސިމް އިބުރާހިމްގެ ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާފައިވަނީ ރޭގެ ވަގުތެއްގައި މާމިގިލީ ކައިރީގައި އޮންނަ ގާސިމް އިބުރާހިމްގެ ސަން އައިލެންޑް ރިސޯޓުގައެވެ. އަދި މި މަޝްވަރާތަކުގައި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާއި، ޖުމުހޫރީ ޕާޓީގެ އިސްބައެއް އޮފިޝަލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ބައިވެރިވުމުން ވައްޑެވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތު ސިޔާސީ މިފަދަ މަޝްވަރާތަކުން އެއްފަރާތްވާކަމީ ފެންނަ މަންޒަރުކަމަށް ވައްޑެ ވިދާޅުވިއެވެ.

ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމަކީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ދަޢުވާތައް އުފުލި، ޝަރީޢަތް ހިނގަމުންދާ ފަރާތްތަކާއެކު، ސިޔާސީ މަޝްވަރާ މޭޒަށް ވަޑައިގަތުންތޯއެވެ؟

– ވައްޑެ ސުވާލު ކުރެއްވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.

ވައްޑެގެ އިތުރުން އެހެން ބޭފުޅުންވެސް ދަނީ ނިހާން މިބައްދަލުވުމުގައި ބައިވެރިވުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ނިހާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޝަމާލްވެސް ދަނީ ރައީސްގެ މިދަތުރުގައި ބައިވެރިވަމުންނެވެ. ރާއްޖޭގެ ސަލާމީ ކަންކަން ބަލަހައްޓާ އެންމެ މަތީ މުއައްސަސާގެ ވެރިޔަކަށް ހުންނަވައި ސިޔާސީ މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމަކީ މުވައްސަސާއަށް ލިބިގެންދާ ބޮޑު ހުތުރެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވައްޑެ އަށްވުރެ ގިނައިން ލިބޭ ތީނޫނީވައްޑެއަނުލިބޭތީތޯ ކޮރަޕްޓުވީ