ރީތި ފިލްމު ތަކެއް ކުޅެފައިވާ ކުރީގެ ބަތަލާ މަހިމާ ޗޯދްރީއަށް އުރަމަތީގެ ކެންސަރު ޖެހިގެން ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތައް ފުރަތަމަ ފަހަރަށް އޭނާ ފޭނުންނަށް ކިޔައިދީފިއެވެ.
މަހިމާ އޭނާގެ ހިތްދަތި ތަޖުރިބާތައް އަނޫޕަމް ކޭރަށް ކިޔައިދޭ ވީޑިއޯއެއް ނިމިދިޔަ ހަފްތާގައި ވަނީ ވައިރަލް ވެފައެވެ. ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި ހުރި މަހިމާ ވަނީ އޭނާ ކެންސަރާ ކުރި ހަނގުރާމަ ކިޔައިދީފައެވެ. އާނޫޕަމް މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން ބުނެފައިވަނީ މަހިމާ އަކީ ހީރޯ އެއް ކަމަށެވެ.
މަހިމާ އަށް ކެންސަރު ޖެހުނުކަން އެނގުނީ އާންމުކޮށް ކޮންމެ އަހަރަކު ވެސް އޭނާ ހަދާ މެޑިކަލް ޗެކަޕެއް ހަދައިގެން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެންނެވެ. އެހެންވެ، އިތުރު ޓެސްޓުތަކެއް ހަދައި ބެލިިއިރު ހުރީ ކެންސަރުގެ ތަންކޮޅެއް ކުރީ ސްޓޭޖެއްގައެވެ.
ބައްޔަށް ފަރުވާ ހޯދަން ފަށައި ކީމޯތެރަޕީ ފަރުވާ ނަގަން ފެށި ފަހުން، ބޮލުގެ އިސްތަށިގަނޑު ވެސް ގޮސްފައި ވަނިކޮށް ބައެއް ވެބް ސީރީޒް ފަދަ އުފެއްދުންތަކުން ފުރުސަތުދޭން އިންޑަސްޓްރީގެ މީހުން ވަރަށް ގިނައިން ގުޅި ކަމަށާއި ނަމަވެސް ބަލިވެގެން އުޅޭ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނާ ކަމަށް މަހިމާ ބުންޏެވެ. އަދި އަނޫޕަމް ވެސް ގުޅީ ފިލްމަކުން ފުރުސަތު ދިނުމަށް ކަމަށާއި އެހެން ކަމުން އެވާހަކަތައް އޭނާއާ ހިއްސާ ކުރީކަމަށް މަހިމާ ބުންޏެވެ. އެވަގުތު އޭނާ ހުރީ ފަރުވާ ހޯދުމަށް އެމެރިކާގެ ހޮސްޕިޓަލެއްގައެވެ.
މަހިމާ ބުނި ގޮތުގައި އެ ވީޑިއޯ އާންމުކުރުމާ ހަމައަށް ވެސް އޭނާގެ މައިންބަފައިންނަށް ވެސް އޭނާއަށް ކެންސަރު ޖެހުނުކަން ނޭނގޭނެ ކަމަށެވެ. އަދި މިއީ އޭނާއަށް ކެންސަރު ޖެހުންކަށް މުޅި ދުނިޔެއަށް އެނގޭނެ ފުރަތަމަ ފަހަރުކަމަށް ވަނި ބުނެފައެވެ.
ޝާހްރުކް ޚާނާއެކު 1997 ގެ "ޕަރުދޭސް"އިން ބޮލީވުޑަށް ނުކުތް ބަތާލާގެ ރީތިކަމުގެ ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދިލް ހޭ ތުމްހާރާ"، "ދަޅްކަން"، "ދިލް ކިޔާ ކަރޭ" ފަދަ ފިލްމުތަށް ހިމެނެއެވެ.