އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއި، ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގާއި ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާ މައްސަލައިގެ ޝަރީއަތްތައް އަލުން ފަށަނީ ބަންޑާރަ ނައިބަށް މަޖިލީހުން އަމުރުކޮށެގެން ކަމުގައި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ދީބާޖާ މައްސަލައިގެ ޝަރީއަތްތައް މާދަމާ ސްޕްރީމް ކޯޓުގައި ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ. ޝަރީއަތް އަލުން ފެށުމަށް ހަމަޖެހިފައިވާތީ އަލްހާން ވިދާޅުވީ މި ޝަރީޢަތަކީ ކަނޑައެޅިގެން ފާޅުގައި ސިޔާސީ ނުފޫޒު ޝަރީޢަތަށް ވައްދައިގެން ހިންގާ މައްސަލައެއްކަމަށެވެ. މިމައްސަލަޔަކީ ތިން މަރުހަލާ ނިމި ތަންފީޒުކުރަން ޖެހިފައިވާ ހުކުމެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
މި ޝަރީޢަތަކީ ކަނޑައެޅިގެން ފާޅުގައި ސިޔާސީ ނުފޫޒުން ޝަރީޢަތަށް ވައްދައިގެން ހިންގާ މައްސަލައެއް! ތިން މަރުހަލާ ނިމި ތަންފީޒުކުރަން ޖެހިފައިވާ ހުކުމެއް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބަންޑާރަނައިބަށް ރައްޔިތުންގެ މަޖްލިހުން އަމުރުކޮށްގެން ކުރާ ކަމެއް!
– އަލްހާން ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދައުލަތުން ދީބާޖާ އިންވެސްޓްމަންޓާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއި ގުޅިގެން ގެއްލުމުގެ ބަދަލު ދިބުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާޠިލުކޮށް، ހައިކޯޓުގެ ޙުކުމަށް ތަޢީދުކޮށްދިނުމަށް ދައުލަތުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެދިފައެވެ.
އެމައްސަލައަކީ ދީބާޖާ މައްސަލާގައި ސްޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓަށް އެޓާނީ ޖެނެރަލް ހުށައަޅުއްވުމުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އެއަޑުއެހުމުގައި ދައުލަތުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348.10 މިލިއަން ރުފިޔާ ދައުލަތުގެ މައްޗަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، ހައިކޯޓުގެ ޙުކުމަށް ތާޢީދުކޮށްދިނުމަށެވެ.
އެދުވަހުގެ އަޑުއެހުމުގައި ދީބާޖާގެ ފަރާތުން ފާހަގަކުރި އިޖްރާއީ ނުކުތާތައް ބަލާގެންފައިވާއިރު، ދެން ބާއްވާ އަޑުއެހުމެއްގައި ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުޞަތު އޮންނާނެކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނަވަނީ ޝުޖޫންގެ އިތުރުން، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ. ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ