މަރުގެ އިންޒާރު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއްވެސް މިހާކާ ދުޝްމަނު ކަމެއް ދެކޮޅުވެރިކަމެއް ނެތް ކަމަށް ބޮލީވުޑް ސުޕަރސްޓާ ސަލްމާން ޚާން ބުނެފިއެވެ.
ސަލްމާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރުދީ ސިޓީއެއް ފޮނުވި މައްސަލަ މުމްބާއީގެ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ސަލްމާން ބުނެފައި ވާގޮތުގައި އޭނާއާއި އެހެން މީހަކާ ދެމެދުގައި ދުޝްމަނުކަމެއް އަދި އަރައިރުމެއްވެސް ނެތް ކަމަށާއި އެހެން ކަމުން މަރުގެ އިންޒާރު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕަންޖާބީ ލަވަކިޔުންތެރިޔާ ސިދޫ މޫސެއި ވާލާ ބަޑިން ހަމަލާދީ މަރާލި ހާދިސާ އާއި ގުޅިގެން ސަލްމާން އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނިކޮށް އޭނާ އާއި އޭނާގެ ބައްޕަ އަށް މަރުގެ އިންޒާރު ދީފައިވަނި ސިޓީއެއް މެދުވެރިކޮށެވެ. އެސިޓީ އަކީ ސިދޫ މަރާލި ގޭންގަށް ނިސްބަތްވާ ލޯރެންސް ބިޝޯނީގެ ސިޓީއެއް ކަމަށްވެއެވެ.
އެސިޓީގައި ވަނީ ސީދޫއަށް ހަދާލި ގޮތް ހަދާލާނެ ކަމަށާއި އެހެން ކަމުން ވިސްނައިގެން އުޅުމަށެވެ. އެއާއެކު ސަލްމާންގެ ސެކިއުރިޓީ މުމްބާއީ ފުލުހުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ހަފްތާގެ ތެރޭގައި ސަލްމާން ވަނީ އޭނާގެ ބައެއް ފިލްމީ މަސައްކަތްތަކަށް ހައިދަރްއާބާދަށް ގޮސްފައެވެ. އޭނާ އެއާޕޯޓުން ފެނުނީ ބޮޑީގާޑުންގެ ފައުޖަކާ އެކުގައެވެ.