2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ވެރިކަމުގައި އޮތުންކަމަށެވެ. އެމްޑީޕީގެ ވެރިކަމެއް ބޭއްވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތް ކުރުމަކީ ޕާޓީގެ ތެރެއިން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާޓީ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގައި އަމަލުކުރާނީ ޕާޓީގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއަކުން އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކެނޑިޑޭޓަކު ނެރުނު ކަމުގައިވީނަމަވެސް ކޯލިޝަނެއްގެ ތެރެއިން ނޫނީ ވެރިކަމަށް ނާދެވޭނެ ކަންކަމަށް ރައީސް ވިދާޅުވިއެވެ.
ކާމިޔާބު ކަމާއިއެކު ގުޅިގެން ކޯލިޝަނެއްގެ ތެރެއިން ވެރިކަންކޮށް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ އެމަނިކުފާނުކަމާށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބު ކޯލިޝަނަކާއިއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
އެންމެ މުހިންމމީ އެމްޑީޕީއަށް ވެރިކަން ލިބުން. އެއީ މުޅި ރާއްޖެއެށް ވެސް އެންމެ ފައިދާ ހުރިގޮތް. މިހާރު ފެށިފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައިވެސް ވެރިކަން އޮތުން މުހިންމު. އަޅުގަނޑުމެންނަށް އެނގިގެން ދިޔަކަމީ އެކަނި އެއްވެސް ޕާޓީއަކަށް ވެރިކަން ކާމިޔާބެއް ނުވާނެކަން. ގިނަ ޕާޓީ އެކުވެގެން ހެދޭ ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުވާނެކަން އަޅުގަނޑުމެނަށް ވަނީ ސާފުވެފަ. އަޅުގަނޑަކީ ޕާޓީތެރެއިން މިކަމަށް އޮތް އެންމެ ރަނގަޅު ޗޮއިސް. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނާއިއެކު ކުރިއަށް ގޮސް އިންތިޚާބު ކާމިޔާބު ކުރެވޭނެކަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލައްވުމުގައި ރައީސް ދެކި ވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވިއިރު، އެމްޑީޕީގެ ޕްރައިމަރީ އޮގަސްޓް 19 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕްރައިމަރީގައި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ސާފުވެގެންދާނެކަމަށް ބެލެއެވެ.
އޯގަސްޓްމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ. ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.
އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ