ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގެންނަން ވައުދުވެ ވަޑައިގެންނެވި ކަންކަން ހާސިލް ކުރެއްވުމަށްޓަކައި، ބޮޑު ކާމިޔާބީއެއް ހޯދިފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަޢުދުވެ ވަޑައިގެންނެވި ކަންކަން ހާސިލް ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ރައީސް ވައުދުވެ ވަޑައިގެންނެވި ކަންކަން، ވައުދުވީ ވަރަށްވުރެވެސް ފުރިހަމައަށް ކަންކަން ކުރެވިފައިވާކަމަށެވެ.
އަޅުގަނޑުމެންނަށް މިހާރުވެސް، ރައީސް ވައުދުވެ ވަޑައިގެންނެވި ކަންކަމަށްވުރެވެސް މާރަނގަޅަށް ކުރެވިއްޖެ. ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަޅުގަނޑުމެންނަށް މުޅި މިދާއިރާއަށް ގެނެވިއްޖެ. އެކަމަކުވެސް އަދިވެސް އަޅުގަނޑުމެން ޤައުމުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ވީހާވެސް ބޮޑަށް މިބަދަލު ގެނެސްދެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.
– މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް މިހެން ވިދާޅުވި ނަމަވެސް، މިއަދުވެސް ގިނަ މެމްބަރުންގެ ސުވާލުތަކުގައި ވަނީ އެދާއިރާތަކުގައި މިނިސްޓްރީން ކުރަންޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމުގެ ސުވާލުތައް ކުރައްވާފައެވެ. ބައެއް މެމްބަރުން ވަނީ ވަޒީރާއި ނުގުޅޭކަމުގެ ޝަކުވާއާއި، ވަޒީރާ ގުޅޭނެ ގޮތެއް ނެތްކަމުގެ ޝަކުވާވެސް ކޮށްފައެވެ.
މި ސަރުކާރުން ކުޅިވަރުގެ ދާއިރާއާ ގުޅޭ ގޮތުން ވެފައިވާ ވައުދުތަކުގެ ތެރޭގައި އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމާއި ކުޅިވަރުގައި އަންހެނުންގެ ދައުރު ބޮޑު ކުރުމާއި ކޮންމެ ރަށެއްގައި ފުޓުބޯޅަ ސްޓޭޑިއަމްތަކާއި އިންޑޯ ސްޕޯޓްސް ސްޓޭޑިއަމް އެޅުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ