އިންފްލޭޝަންއަކީ އޭގެ ޒާތުގައި ޚިދުމަތާއި މުދަލުގެ އަގު އުފުލެމުން ދިއުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، އާންމު ރައްޔިތުންގެ ކިބައިގައި ހުންނަ މާލީ ގާބިލްކަން ކުޑަވަމުން (ބައިން ޕަވަރ ދައްވަމުން) ދިއުމެވެ.
މިގޮތުން އިންފްލޭޝަން އަކީ މުޅި ގައުމުގެ އިގްތިސާދަށް ކުރިމަތިވާ މައްސަލައަކަށް ވުމުގެ އިތުރުން، އިންފްލޭޝަން ވެގެންދަނީ ވަކިވަކި ފަރުދުންނަށްވެސް ކުރިމަތިވާ، އަދި ތަހައްމަލް ކުރަން ޖެހޭ ބޮޑު ބުރައަކަށްވެސް މެއެވެ. ސަބަބަކީ، ގައުމުގެ އިގްތިސާދަށް ކުރިއެރުން ނުލިބި، ރައްޔިތުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ނައިސް، އަދި އޭގެ އިތުރުން ދަރަނި އިންތިހާއަށް އުފުލި، ދިރު އުޅުމަށްޓަކާ ރައްޔިތުން ކުރާންޖެހޭ ހޭދަ އިތުރުވެގެން ދާ ދިއުމަކީ، އާންމު ގޭބިސީތަކުގެ އިގްތިސާދުގެ ވިލުންވެރިކަން އޭގެ އިންތިހާއަށް މަތިވެގެންދާނޭ ބަދަލަކަށް ވާތީއެވެ.
މިގޮތުން އިންފްލޭޝަންގެ ނުރައްކާ ފާއިތުވެދިޔަ ޒަމާންތަކުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ވަރަށް ހިތި ގޮތަކަށް ތަޖުރިބާ ކޮށްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
2000ގެ އަހަރު ތަކުގައި ޒިންބާބުވޭގައި ކޮންމެ މަހެއްގެވެސް އިންފްލޭޝަން 80 ބިލިއަން އިންސައްތައަށް އުފުލިގެން ގޮސްފައި ވެއެވެ. އެގައުމަށް އައި، މި ހައިޕަރ އިންފްލޭޝަންގައި، އެންމެ ފަހުން އެމެރިކާ ޑޮލަރާ އަޅާކިޔާ، އެގައުމުގެ ފައިސާއަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެގެން ދިޔައެވެ.
އޭގެ ފަހުން، ސައުތު އެމެރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ވެނެޒުއޭލާއާއި ދެކޮޅަށް އެމެރިކާއިން އެޅި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު، އެގައުމުގެ ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔައެވެ.
ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައި އެގައުމަށް އަންނަން ފެށި އިންފްލޭޝަން މަތިވަމުންގޮސް، 2016ވަނަ އަހަރުގެ ނޮވެމްބަރުމަހާއި ހަމައަށް އައިއިރު އެގައުމަށް ވަނީ ހައިޕަރ އިންފްލޭޝަންގެ ހާލަތާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން 2014ވަނަ އަހަރު ވެނެޒުއޭލާގެ އިންފްލޭޝަން ހުރެފައިވަނީ %69ގައެވެ. އެހެންނަމަވެސް މި ނިސްބަތް 2015ވަނަ އަހަރު %181އަށް އުފުލިގެން ދިޔައެވެ. އަދި 2017ވަނަ އަހަރު އެގައުމުގައި އިންފްލޭޝަން %4,000އަށް އުފުލިގެން ގޮސްފައި ވާއިރު، ޖެހިގެން އައި 2018 ވަނަ އަހަރު އެގައުމުގައި އިންފްލޭޝަން ހުރެފައިވާ ނިސްބަތަކީ %1,698,488 އެވެ. އެއަަށްފަހު ވެނެޒުއޭލާއިން އެގައުމުގައި އިންފްލޭޝަން އުފުލެމުންދާ މިންވަރު ރަސްމީކޮށް ދެނެގަތުން ހުޓާލި ނަމަވެސް، އެމެރިކާގެ ޖޯންސް ހޯޕްކިންސް ޔުނިވާރސިޓީން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެހާތަނާއި ހަމައަށް ދިޔައިރު އެގައުމުގެ އިންފްލޭޝަން ހުރެފައިވާ ނިސްބަތަކީ %5,220 އެވެ.

2000ގެ އަހަރުތަކުގައި ވެނެޒުއޭލާއަށް އައި ހައިޕަރ އިންފްލޭޝަންގައި، ތަކެތީގެ އަގުތަށް އުފުލެމުންދިޔަ ނިސްބަތް އަވަސްވުމާއި ގުޅިގެން، ފިހާރަތަކުގައި ހުންނަ މުދަލުގައި އަގުޖެހުން ވިޔަފާރަވެރި ހުއްޓާލިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުދާ ގަންނަން ބޭނުންވާ މީހުންނަށް ޖެހުނީ ގަންނަން ބޭނުންވާ އެއްޗެއްގެ އަގު މުދާ ގަންނަ ވަގުތު ސާފުކޮށްގެން ފިހާރަތަކުން ގަތުމަށެވެ.
1920ވަނަ އަހަރު ޖަރުމަނު ވިލާތަށް އައި "ހައިޕަރ އިންފްލޭޝަން"ގައި މީހުން މަގުތަކުގައި ގާޑިޔާތަކަށް ފައިސާ އަޅައިގެން އުފުލާފައިވާކަމަށް ތާރީޚީ ފޮތްތަކުން ފެންނާން އެބަހުއްޓެވެ.
މުޅި ދުނިޔޭގައިވެސް ތަކެތީގެ އަގަށް ދަނީ އަސަރު ކުރަމުން!
ކޯވިޑްގެ ކާރިސާއަށް ނިމުން އައިތަނާ ކަހަލަ ގޮތަކަށް ފެށިގެންދިޔަ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ ދަތުރުފަތުރާއި މުދަލުގެ އަގު އުފުލެމުންނެވެ. މިގޮތުން ކާނާއާއި ހަކަތައިގެ އަގުތަށް މިހާރު ދުނިޔޭގެ ބާޒާރުގައި ހުރީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ، ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރުމުގައި ކުރިމަތިވެގެން ގޮސްފައިވާ ގޮންޖެހުންތަކާއި ހުރަސްތަކެވެ. އާންމު ރައްޔިތުންގެ ގޭބިސީތަކުގައި ބޭނުންކުރާ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަދަށް ދެނެގަންނަ މިންގަޑު ކަމުގައިވާ "ކޮންޒިއުމަރ ޕްރައިސް އިންޑެކްސް" CPI އަށް ބަލާއިރު އެމެރިކާގައި ފާއިތުވެދިޔަ އެޕްރިލްމަހު މި ނިސްބަތް ހުރެފައިވަނީ %8.3 ގައެވެ. މި މިންގަޑުން ބަލާއިރު، މިހާރު އެގައުމުގައި އިންފްލޭޝަން ހުރި ނިސްބަތަކީ ފާއިތުވެދި 40 އަހަރު ތެރޭގައި އެމެރިކާގައި އިންފްލޭޝަން އެންމެ ބޮޑަށް އުފުލިފައިވާ މިންވަރެވެ.
މިގޮތުން ކޯވިޑް ޕެންޑަމިކްއާއެކު، ދުނިޔޭގެ ދަތުރުފަތުރާއި އަދި ސަޕްލައި ލައިންތަކަށް އެރި ބުރުލުގެ ސަބަބުން ކާނާއާއި ހަކަތައިގެ ބާވަތްތަކުގެ އަގަށް އައި ނުރަގަޅު ބަދަލު، މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަގުރާމައިގެ ނަތިޖާއެއްގެ ގޮތުން މިހާރުވަނީ އިތުރަށް އެތައް ގުނައަކަށް ގޯސްވެގެން ގޮސްފައެވެ.
ރަޝިއާއި ޔޫކުރެއިންއަކީ، ދުނިޔޭގެ ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތީގެ ވަރަށް މުހިންމު ބާވަތްތައް ހައްދާ ދެގައުމެވެ. ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ ވީޓް އާއި ބާރްލީގެ (ކުދިބަތާއި ގޮދަނނައިގެ ބާވަތްތައް) %30 ހިއްސާ ކުރަމުންދަނީ ރަޝިއާއާއި ޔޫކުރެއިންއިންނެވެ. އަދި ދުނިޔެއަށް ސަޕްލައި ކުރާ ޒުވާރީގެ ފަސްބައިކޮށްފަ އެއްބައި ރަޝިއާއި ޔޫކުރެއިން ސަޕްލައި ކުރާއިރު، ދުނިޔޭގެ މާރކެޓްތަކަށް ސަޕްލައި ކުރަމުންދާ ސަން ފްލާވާރ އޮއިލްގެ %50 ސަޕްލައި ކުރަމުންދަނީވެސް މިދެގައުމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން (FAO)އިން، ފާއިތުވެދިޔަ އެޕްރިލްމަހުގެ 8ވަނަ ދުވަހު އާންމު ކޮށްފައިވާ އެޖަމިއްޔާގެ ތިންވަ ރެކޯޑް ފުޑް ޕްރައިސް އިންޑެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކާބޯތެކެތީގެ އަގުތައް، ފާއިތުވެދިޔަ އަހަރުގެ މި ދުވަސްކޮޅާއި އަޅާ ބަލާއިރު، މިހާރުވަނީ %34 މަތިވެގެން ގޮސްފައެވެ. އަދި މިއީ (FAO)އިން، ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ރެކޯޑްކޮށް ބަލަހައްޓަން ފެށިފަހުންވެސް، މި މިންވަރަށް އަގުތައް މަތިވެގެން ގޮސްފައި ހަމައެކަނި ފަހަރުކަންވެސް އެޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.
ހަމަ އެއާއެކު، ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ނުރަގަޅު ބަދަލުވެސް، ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި، އަދި މި ހަގުރާމައާއި ގުޅިގެން ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ އިގްތިސާދީގޮތުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވަނީ އެތައް ތަނަކުން ގޯސްވެފައެވެ.
މިފުރުސަތުގައި ހަނދާން ބަހައްޓަންވީ އެއް ކަމަކީ، ރަޝިއާއަކީ، ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓުކުރާ ގައުމުކަމެވެ. އަދި އެގައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ގައުމުވެސްމެއެވެ.
މިއަހަރު ފެށިގެން އައިއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފިފާއެއްގެ އަގު ހުރެފައިވަނީ 75 އެމެރިކާ ޑޮލަރުގައެވެ. އަދި މިއަހަރު ތެރޭގައި ތެލުގެ އަގު މަތިވެގެންވެސް އެވުރެޖު ގޮތެއްގައި ހުންނާނީ 80 ވަރަކަށް އެމެރިކާ ޑޮލަރުގައި ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ލަފާ ކޮށްފައިވި ނަމަވެސް، ރަޝިއާ ޔޫކުރެއިން ހަގުރާމައިގެ ވިލާގަޑު ބޯމަތިވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުކޮށް، މި ހަގުރާމެ ފެށުނު ދުވަހާއި ހަމައަށް ތެޔޮ ފިފާއެއްގެ އަގުވަނީ 92 ޑޮލަރަށް އުފުލިގެން ގޮސްފައެވެ.
އަދި، ގެއްލުން ބޮޑު މި ހަގުރާމައަށް 3 މަސް ފުރިގެން ގޮސްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިވަނީ މިހާރު 110 އެމެރިކާ ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން، ރަޝިއާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕަށް ރަޝިއާއިން ތެޔޮ އެތެރެކުރުން ހުއްޓާލުމަށް ޔޫރަޕް ބައްރުން މިހާރު ނިންމާފައި ވުމާއެކު، އީޔޫއިން އެޅި މި ފިޔަވަޅުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ޔެތޮ ފީފާއެއްގެ އަގު، ފީފާއަކަށް 185 ޑޮލަރާއި ހަމައަށް އުފުލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ޖޭޕީމޯރގަންއިން ވަނީ ލަފާ ކޮށްފައެވެ.

ރާއްޖޭއަށް އިންފްލޭޝަންގެ ނުރައްކާ!
ދުނިޔެއަށް އަންނަމުންދާ އިންފްލޭޝަންގެ ނުރައްކަލާއެކު، އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް މިވަނީ ތަކެތީގެ އަގުތައް އުފުލިގެންދާ ދިއުމުގެ ނުރައްކަލާ ކުރިމަތި ލާންފަށާފައެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ ނުކުތާއަކީ، ކޯވިޑް ކާރިސާގައި ކުރާންޖެހޭ ޚަރަދުތައް ދެކޮޅު ޖެއްސުމަށް ސަރުކާރުން ނެގި ލޯންތަކާއެކު، ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާ، މިނިސްބަތް ޖީޑީޕީގެ ނިސްބަތުން 100 އިންސައްތަ ފަހަނަ އަޅާ ގޮސްފައިވާ ކަމެކެވެ.
އަދި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިޤްތިޞާދީގޮތުން ދަތިތަކަކާއި ކުރިމަތިވަމުން ދިޔަނަމަވެސް ފައިސާ ޗާޕްކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް 2020 ވަނަ އަހަރު ވިދާޅުވެފައި ވިނަމަވެސް، ކޯވިޑް ކާރިސާ ފެށުމަށްފަހު 2021ވަނަ އަހަރާއި ހަމައަށް 3 ފަހަރެއްގެ މަތިން، ޕައިސާ ޗާޕްކުރުމުގެ ހުއްދަ މަޖިލީހުން ސަރުކާރަށް ދޫކޮށްފައި ވެއެވެ.
އޭގެ މާނަކީ، 3 ފަހަރެއްގެ މަތިން ޖުމްލަ 6 ބިލިއަން ރުފިޔާ ޗާޕުކޮށް މާރކެޓަށް އިންޖެކްޓުކުރުމުގެ ފުރުސަތު މަޖިލީހުން ކޯވިޑް ޕެންޑަމިކް ތެރޭގައި ސަރުކާރަށް ދީފައި ވެއެވެ.
އަދި، އިގްތިސާދީގޮތުން އައި މި ހުރިހާ ބަދަލުތަކާއެކުވެސް، ކުރިޔަށްދާ މެގަޕްރޮޖެކްޓްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދާދިއުމާއި، ދައުލަތުގެ ޚަރަދުތަކަށް ލުޔެއް އަންނަމުންދާތަން ފެންނަމުން ނުދިއުމާއި، ދަރަނި އުފެލެމުންދާ ދިއުމާއި، އަދި އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓް ބޮޑުވަމުންދާ ދިއުމާއެމު، ރާއްޖޭގެ އިގްތިސާދީ ދުރުމިން ފެންނަ މަންޒަރުތައް އެހާ އުޖާލާ ނޫންކަގައި ދުނިޔޭގެ މާލީ އިދާރާތަކުންވެސް މިހާރު ގެންދަނީ ހާމަ ކުރަމުންނެވެ.

ހަމައެއާއެކު ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ އާންމު ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ގިނަ ބާވަތްތަކުގެ އަގުތައް މިވަނީ %20 އިން އުފުލިގެން ގޮސްފައެވެ. މީގެތެރޭގައި މިފްކޯއިން އުފައްދާ މަސްދަޅު، ކުކިން އޮއިލް، ކުކުޅުފަދަ ދުވަހުން ދުވަހަށް ކެއިން ބުއިމަށް ބޭނުންކުރާ އެތައް ބާވަތެއް ހިމެނެއެވެ.
އެހެންކަމުން އިފްލޭޝަންގެ ބިޔަ ރާޅު ރައްޖެއަށްވެސް ބިންދާލަން ފަށާފައިވާކަމުގެ އަލާމާތްތައް ވަރަށްވެސް ފާޅުކަން ބޮޑު ގޮތެއްމިއަދު ފެންނާން ހުރި އިރު، މިއީ ހަގީގަތުގައިވެސް، ދެލޯ މަރާލައިގެން ތިބެވެން ނެތް ހާލަތެއްގައި ކަމުގައި މިއަދު މިވަނީ ގަބޫލުރަން މަޖުބޫރުވެފައެވެ.
ކޮމެންޓު ފޮނުވާ