ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުންގެ ހުއްދަ ބާތިލް

ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުންގެ ހުއްދަ ބާތިލް

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2022 03:43
0

ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނާއި ގުޅޭގޮތުން ބަލާ މައްސަލަތަކުގައި، ފަނޑިޔާރަކު މަޤާމުން ވަކިކޮށްފިނަމަ، އެފަނޑިޔަރެއްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް މިއިސްލާހު ހުށަހެޅުއްވީ ދިއްގަރު ދާއިރަގެ މެމްބަރު އިކްރާމް ހަސަންއެވެ. ޤާނޫނުގައި މިހާރު އޮތް ގޮތްގޮތުން ފަނޑިޔާރުކަމުގެ މަޤާމުން އެމީހަކު ވަކިވާ ހިސާބުން، އެމީހެއްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަލުން ލިބެއެވެ.

މެމްބަރު އިކްރާމް ހުށަހެޅުއްވި މިއިސްލާހުގެ މައިގަނޑު މަޤްސަދަކީވެސް ފަނޑިޔާރުކަމުގެ މަޤާމާއި، އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭގޮތަށް ފަނޑިޔާރުން ހިންގާ ޢަމަލަކާއި ގުޅިގެން ވަކިކުރެވޭ ފަނޑިޔާރަކަށް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޖާގަ ނުލިބޭގޮތެއް ހެދުމުވެ.

އިކްރަމް ހުށަހަޅުއްވާފައި އިސްލާހުގައިވާ ގޮތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރުކަމުން ވަކިކުރާ މީހުންނަށް ދުވަހަކު ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުދެވޭނެއެވެ. އެކަމަކު އެ ނޫން ހާލަތުތަކުގައި މަގާމުން ވަކިކުރާތާ ފަސް އަހަރުވުމުން އަލުން އެދެފި ނަމަ ހުއްދަ ދެވިދާނެއެވެ.

ފަނޑިރުންނާއި ގުޅޭގޮތުން ޖޭއެސްސީން ބަލާ ގިނަ މައްސަލަތަކުގައި ފަނޑިޔާރަކު މަޤާމުން ވަކިކުރަން ނިންމާ ހިސާބުން އެފަނޑިޔާރަކު އަމިއްލައަށް މަޤާމުން އިސްތިއުފާ ދެއްވައެވެ. އެއަށްފަހު ވަކީލެއްގެ ގޮތުގައި ޝަރުޢީ މަރުހަލާގައި މަސައްކަތް ކުރަމުންދާތަން ފެނެއެވެ. ނަމަވެސް މިއިސްލާހު ފާސްވެއްޖެނަމަ، ފަނޑީޔާރުކަމުގެ މަޤާމުން ވަކިކުރާ ފަނޑިޔާރުންގެ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި، ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރުމުގެ ހުއްދައަށް ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.