ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލު ކުރުމާއި، ޕާޓީތަކަށް ނިސްބަތްނުވާ އެފަދަ ޝައުގުވެރިކަމެއް ނެތް މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރެވެ. މިމައްސަލައަކީ ޤާނޫނާއި ގަވާއިދާއި ޚިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ވަކިކުރުމާއި ޕާޓީ ބަދަލު ކުރުން ތަކުރާރުކޮށް ހިނގަމުންދާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ބަލައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މައްސަލައިގައި ބުނެފައިވަނީ މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލައިގައިވެއެވެ.
މިމައްސަލައަކީ މިހާރުވެސް އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މިމައްސަލަ އެންމެ ބޮޑަށް ފެންމަތިވެގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދަށް ނޭގި ދާދިފަހުން އުފެއްދި އެމްއެންޕީގެ ރަޖިސްޓްރީ ކުރި ހިސާބުންނެނެވެ. މިމައްސަލަ މިހާރުވެސް ދަނީ ކަމާއި ގުޅުންހުރި އިދާރަތަކަށް ހުށަހަޅައިގެން ބަލަމުންނެވެ.
މިއަދު ހުށަހެޅުނު މައްސަލާގައިވެސް ޒިޔާޒުވަނީ އޭނާއަށް އެމްއެންޕީއަށް ވެއްދާފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. ޒިޔާދު ވިދާޅުވީ އޭނާ އެމްއެންޕީއަށް ވައްދާފައިވަނީ ޕާޓީތަކަށް ވެއްދުމަށް ފުރަންޖެހޭ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ބައެއް ފުރައި ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށެވެ.
އަޅުގަނޑު ސޮއިކުރިކަމާއި، ފިންގާ ޕްރިންޓް ޖެހިކަމަށް ހެކިވާ ދެހެކިވެރިންގެ ނަންވެސް އެފޯމުގައި އެބައޮތް. މިމައްސަލަ ބަލަންޖެހޭ. މިހާބޮޑެތި އޮޅުވާލުން އޮޅުވާލުމަކީ މިނިޒާމަށް ކުރެވޭ ބޮޑު ބޭއެންސާފެއް. މިއީ އަޅުގަނޑުގެ ހައްގަށް އަރައިގަތުން. މިކަން ކަމާއި ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ.
– ޒިޔާދު ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، ސިޔާސީ ޕަޓީތަކަށް މެމްބަރުން ވެއްދޭނެ އުސޫލުތަކެއް އޮތް އިރު، މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ސިޔާސީ ޕާޓީތަކުގައިކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުންވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި މިހާރަށްވުރެއް ބޮޑަށް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.