އައްޑޫ ސިޓީގެ އަމާންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލައިފި

އައްޑޫ ސިޓީގެ އަމާންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
03 ޖޫން 2022 07:35
0

އައްޑޫ ސިޓީ ކައުންސިލްގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރު ކޮށް ދިނުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫސިޓީގައި ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދި، އެކި ފަރާތްތަކަށް ސީރިއަސް އަނިޔާ ލިބި، ޒުވާނެއްގެ ފުރާނަ ގޮސްފައިވާ މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މާރާމާރީ އާއި މީހުންނަށް އަނިޔާ ދިނުމުގެ އެއްވެސް އަމަލަކީ އައްޑޫ ސިޓީ ކައުންސިލުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމާށާއި، މިފަދަ އަމަލުތައް އެކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ.

މީހުންގެ ފުރާނައައް ގެއްލުންވާ އަނިޔާވެރި މިފަދަޢަމަލަކީ ވަރަށް ލާއިންސާނީ، ދަށުދަރަޖައިގެ އަމަލްތަކެއް ކަމަށް މިބަޔާބުނެގައިވަނީ ބުނެފައެވެ. އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކުން މަނާކުރާ، އަދި ހައްޤުތައް ކަށަވަރުކޮށްދެވިފައިވާ މުޖްތަމަޢެއްގައި މިފަދަ އަމަލުތައް ހިނގުމަކީ އައްޑޫސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ވަނީ ބުނެފައެވެ.

މި މައްސަލައަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ޤާއިމްކޮށްދެއްވުން އަވަސްކޮށްދިނުމަށް ދަޢުލަތުގެ މުވައްސަސާތަކާއި ކަމާއިބެހޭ އެންމެހާ އިދާރާތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ޤާއިމްކޮށްދެއްވުން އަވަސްކޮށްދިނުމަށް ދަޢުލަތުގެ މުވައްސަސާތަކާއި ކަމާއިބެހޭ އެންމެހާ އިދާރާތަކަށް މިކައުންސިލުން ގޮވާލަން.

– އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީ ފޭދޫގައި އިއްޔެ ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނު ވަނީ ނިޔާވެފައެވެ. ތޫނު އެއްޗަކުން އެތައް ތަނަކަށް ހަމަލާ ދިނުމުން ނިޔާވީ އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާއެވެ. މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫގައި ނުރައްކާތެރި ސިލްސިލާ މާމާރީތަކެއް ހިންގަން ފަށާފައިވަނީ ރާއްޖޭގައި ގޭންގު ކުށްތަކާއި މާރާމާރީގެ ތަފްސީލް ފުލުހުންގެ އިދާރާއިން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީވެސްއެވެ. އުކުޅަހުގައި ބޭއްވި ވިއަވަތި ރާއްޖެ، ކޮންފަރެންސްގައި ފުލުހުން ހާމަކުރެއްވި މަޢުލޫމާތުތަކުން މާލޭގައި އެކަނިވެސް 44 ގޭންގު އުފެދިފައިވެއެވެ. އެއީ 1990އިގެ ކުރީކޮޅުން ފެށިގެން ލިސްޓުކުރެވިފައިވާ ގޭންގުތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ގޭންގުތަކުގެ ޙަރަކާތްތައް އަތޮޅުތަކަށް ފުޅާވެގެން ގޮސްފައިވާއިރު، މެދުރާއްޖެ ތެރޭގައި 197 މީހަކު ގޭންގުތަކުގައ ހަރަކާތްތެރިވާކަމަށާ، އިސް ސަފުގައި 6 މީހަކު އަދި 3 ކުޑަކުދިން އުޅޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހުންގެ އާއިލާގެ ފަރާތްތަކުން ނުވަތަ އެހެން ބަޔަކުވެސް އެ ގޭންގުތައް ފުޅާކުރާނެކަމުގެ ބިރުވެރިކަން އޮތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.