ނޭނގި ސިޔާސީ ޕާޓިއަށް ވައްދައިފިނަމަ ޝަކުވާ ހުށައަޅަން އެދިއްޖެ

ނޭނގި ސިޔާސީ ޕާޓިއަށް ވައްދައިފިނަމަ ޝަކުވާ ހުށައަޅަން އެދިއްޖެ

Author
މުޙައްމަދު ޖިމީ
03 ޖޫން 2022 10:14
0

ވަގަށް ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޞައްޙަ ނޫން ފޯމް ހުށައަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިޔަވަޅުތަކެއް އަޅަންފަށާފައެވެ. އެގޮތުން ޞައްޙަ ނޫން ފޯމް ހުށައަޅައިފިނަމަ، ކޮންމެ ފޯމަކަށް އެ ސިޔާސީ ޕާޓިއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ ފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން ދިހަ ހާސް ރުފިޔާއިން ޖުރުމާނާ ކުރަންވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއްނެތި ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ ބޮޑެތި މައްސަލަތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ޞައްޙަ ނޫން ފޯމް ހުށައަޅާ ޕާޓީތައް ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދަށް އެނގިވަޑައިނުގެން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ވައްދާފައިވާ މައްސަލައެއްވެސް ފެންމަތިވެފައިވަނިކޮށެވެ.

އެހެންކަމުން އެފަދަ މައްސަލަހައްލުކުރުމުގެ ގޮތުން ޕާޓީތަކުން ހުށައަޅާ ފޯމުގައި ސޮއިކުރާ މީހުންގެ ވަނަވަރު ޢާންމުކުރަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ފަށާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.